ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ 2027 އިން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ. މިނިސްޓްރީން ބުނެފައި ވަނީ ބަދަލު ގެންނަނީ އެއް މިންގަނޑެއް ހިފަހައްޓައި، ފަސޭހަކަމާ އެކު ޔުނިފޯމު ލބުމުގެ މަގުފަހިކޮށް ދޭން ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި 90،000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށާއި މިހާރު ހުށަހަޅާފައިވާ ޔުނިފޯމަށް އެންމެ މަދުވެގެން ވެސް 900 މިލިއަން ހަރަދުވާނެ ކަމަށެވެ. އަދި ބެލެނިވެރިންގެ އަތުން 80 މިލިއަނަށް ވުރެ ގިނައިން ފައިސާ ނަގައި، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޔުނިފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް. މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، އެންމެ ބޮޑު ބަދަލެއް ގެނައީ ރަސްމީ ޔުނީފޯމަށެވެ. ރަސްމީ ޔުނީފޯމުގެ ކުލައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ހަތަރު ކުލައެކެވެ. އެއީ، ހުދާއި ސްކައި ބްލޫ އާއި ޓީ ގްރީން އާއި ލައިޓް ރެޑެވެ. ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫނާއި ސްކާޓާއި ސޯޓް) ގެ ކުލަ އަކީ ކަޅު ނޫނީ ނޭވީ ބްލޫ އެވެ.
މި ގެނައި ބަދަލުގައި ކުލަތައް އިޚްތިޔާރު ކުރުން ދޫކޮށްލާފައި ވަނީ އެ ސްކޫލަކަށެވެ.
ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމުގެ މަތި އެ ސްކޫލެއްގެ ކުލައިން ލެވޭއިރު، ތިރިންލާން ބޭނުން ކުރެވެނީ ޑިޒައިނެއް ނެތް ކަޅުކުލައިގެ ޓްރެކްސޫޓެކެވެ.
ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމު ކުލައިގެ ގަދަ ކުލައެއް ބުރުގާއަށް ބޭނުން ކުރެވޭނެ އެވެ. އެއީ ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ ބޭނުން ކުރުމެވެ. ނޫނީ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ބޭނުން ކުރެވޭނެ އެވެ.