ކުފުރު ބެހެނީ ދެ ބަޔަކަށެވެ.
1. މިއްލަތުން ބޭރުވާ ކުފުރު: މި ވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެ އެވެ.
ހ- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
“وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨
މާނަ: “އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ނުވަތަ ޙައްޤު އައި ހިނދުން ޙައްޤު ދޮގުކުރި މީހަކަށް ވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކު ހެއްޔެވެ؟ ފަހެ ކާފިރުން ޤަރާރުވެ ތިބޭނެ ތަނެއް ކަމުގައި ނަރަކަ ނުފުދޭ ހެއްޔެވެ؟”
ށ- ޤަބޫލުކުރާ ޙާލު، ބޮޑާވެ ކިބުރުވެރިވުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ.
“وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآَدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ” البقرة: ٣٤
މާނަ: “އަދި ތިމަންއިލާހު އާދަމް ޢަލައިހިއްސަލާމަށް ތިޔަބޭކަލުން ސަޖިދަކުރައްވާށޭ މަލާއިކަތްބޭކަލުންނަށް ވަޙީކުރެއްވި ހިނދު ފަހެ އިބިލީސް މެނުވީ އެހެން ހުރިހާ ބޭކަލުން ސަޖިދަކުރެއްވިއެވެ. އަދި އެ އިބިލީސް އެކަމުން މަނާވެ ބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފިރުންގެ ތެރެއިންނެވެ.”
ނ- ޝައްކުކުރުމުގެ ސަބަބުން ކާފިރުވުން: މިބާވަތުގެ ކުފުރަކީ ހީކުރުމުގެ ކުފުރެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
“وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِنَفْسِهِ قَالَ مَا أَظُنُّ أَنْ تَبِيدَ هَذِهِ أَبَدًا * وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُدِدْتُ إِلَى رَبِّي لَأَجِدَنَّ خَيْرًا مِنْهَا مُنْقَلَبًا * قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا” الكهف: ٣٥–٣٧
މާނަ: “އަދި އޭނާ އޭނާގެ ބަގީޗާއަށް ވަނީ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލުގައެވެ. (އެއީ މަޙްޝަރަށް ފޮނުއްވުމާ މެދު ކާފިރުވުމާއި ޤިޔާމަތްވުމާ މެދު ޝައްކުވުމާ މިބާވަތުގެ ކަންތައްތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމުގައި އަހަރެން ހީއެއްނުކުރަމެވެ. *އަދި (އޭނާ ބުންޏެވެ.) އަހަރެން ހީކުރާ ގޮތުގައި ތިޔަބުނާ ޤިޔާމަތް ދުވަހެއް ނާންނާނެ އެވެ. (އަދި ތިބާ ތިޔަބުނާގޮތަށް ޤިޔާމަތް ޤާއިމްވެގެން) އަހުރެން އަހުރެންގެ ރައްބުގެ ޙަޟްރަތަށް ދެވުނު ނަމަވެސް އަހުރެންގެ މި ބަގީޗާއަށް ވުރެ މާ ހެޔޮ ރަނގަޅު ތަކެތި އަހުރެންނަށް އެނބުރި ދެވޭ ތަނުގެ ގޮތުން ލިބޭނެ އެވެ. އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކާ ޙާލު އޭނާ އަށް ބުންޏެވެ. ވެލީން ތިބާ ހައްދަވައި (އާދަމްގެފާނު ހައްދަވައި) ދެން މަނިފޮދުވަރަކުން ތިބާ ހައްދަވައި ދެން ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެ އަށް ތިބާ ކާފިރުވީ ހެއްޔެވެ؟”
ރ- ފުރަގަސްދިނުމުގެ ސަބަބުން ކާފިރުވުން: އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ.
“ذَلِكَ بِأَنَّهُمْ آَمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَى قُلُوبِهِمْ فَهُمْ لَا يَفْقَهُونَ” المنافقون: ٣
މާނަ: “އެއީ (އެބައިމީހުން ދޮގު ހަދައި) އަދި ނުބައި ޢަމަލުތައް ކުރަމުން އެދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފިރުވީކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވި ބަންދުކުރެއްވިއްޖެ އެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ.”
2- ކުޑަ ކުފުރު ނުވަތަ މިއްލަތުން ބޭރުނުވާ ކުފުރު:
އެއީ ނިޢުމަތަށް ކުފުރުވުމެވެ. އޭގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.
“وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ” النحل: ١١٢
މާނަ: “އަދި ﷲ ތަޢާލާ ރަށެއްގެ މިސާލު ޖެއްސެވިއެވެ. އެރަށް ވީ އަމާން އަދި ހިތްހަމަޖެހޭ ރަށެއްކަމުގައެވެ. އަދި ހުރިހާ ފަރާތްތަކަކުން އެރަށުގެ އަހުލުވެރިންނަށް ތަނަވަސްކަމާއި ފަސޭހަކަމާއެކު ރިޒްޤު އާދެއެވެ. ދެން އެރަށުގެ އަހުލުވެރީން ﷲ ގެ ނިޢުމަތަށް ކާފިރުވިއެވެ. ދެންފަހެ އޭގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމުގެ ލިބާސް އެމީހުންގެ ގައިގާ ﷲ ތަޢާލާ ލެއްވިއެވެ. އެއީ އެމީހުން ކުރާކަމުގައިވި ކަންތައްތަކުންނެވެ.” އަދި ﷲ ތަޢާލާގެ މި ވަޙީބަސްފުޅު ވެސް އެއީ މިކަމުގެ ދަލީލެކެވެ.
“إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ” إبراهيم: ٣٤
މާނަ: “ހަމަކަށަވަރުން އިންސާނާވީ (ނިޢުމަތްތަކުގެ ޝުކުރު ﷲ ނޫން ފަރާތްތަކަށް އަނބުރާލާ އެކަލާނގެ ނޫން ފަރާތްތަކަށް އަޅުކަން ކުރުމުގެ ގޮތުން) އޭނާގެ ނަފްސަށް އަނިޔާވެރިއަކު ކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފިރުވާ މީހަކުކަމުގަ އެވެ.”
އޭ އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އީމާންވުމަށްފަހުގައި ކާފިރުވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވާދޭނވެ! އަދި އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ކުފުރާއި ކުފުރުގެ އަހުލުވެރިންގެ ކިބައިން ސަލާމަތް ކުރައްވާދޭނވެ! އާމީން ޔާ ރައްބަލް ޢާލަމީން.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.