އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަންވިލާ އަތުން 2-1 އިން އާސެނަލް ބަލިވިއިރު، މެންޗެސްޓާ ސިޓީން 3-0 އިން ސަންޑަލޭންޑް ބަލިކޮށްފި އެވެ.
ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލަށް 15 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެ ވަނައިގައި މިހާރު އޮތީ 15 މެޗުން 31 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ވިލާ އަށް ވަނީ 15 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވިލާ އިން ލީޑުނެގީ 36 ވަނަ މިނެޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މެޓީ ކޭޝް ޖެހި ގޯލުންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެއަންޑްރޯ ޓްރޮސާޑް އެވެ. މި މެޗުން ވިލާ މޮޅުވި ގޯލު މެޗުގެ ފަހު ފަހުގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެމިލިއާނޯ ބުއެންޑިއާ އެވެ.
މިއީ މިފަހަރުގެ ލީގުގައި އާސެނަލް ބަލިވި ދެވަނަ މެޗެވެ. މީގެކުރިން ލީގުގައި އެޓީމު ބަލިވީ ލިވަޕޫލް އަތުންނެވެ.
ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދި މެޗުގައި ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރުބެން ޑިއާސް އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ޖޮސްކޯ ގްވާޑިއޯލް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ސިޓީގެ ތިންވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ފިލް ފޮޑެން އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސަންޑަލޭންޑްގެ ލޫކް އޯނިއެން އަށް ދެއްކި ރަތްކާޑާއެކު އެޓީމު މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ބޯންމަތް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެވަޓަން އިން ވަނީ 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. އަދި ޓޮޓެންހަމުން 2-0 އިން ބްރެންޓްފޯޑްގެ މައްޗަށް ކުރި ހޯދިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 2-1 އިން ބާންލީ ބަލިކޮށްފަ އެވެ.