Last Updated: July 7, 20:14
Tuesday, July 7, 2026
ކުޅިވަރު

ފަހު ވަގުތު ލީޑްސްއިން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު ލީގުގެ އަށްވަނައިގަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ލީޑްސް އޮތީ 15 މެޗުން 15 ޕޮއިންޓު ހޯދައިގެން ލީގުގެ 16 ވަނައިގަ އެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅު ލިވަޕޫލުން ވަނީ ކައިރިކައިރީގައި ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ދެ ގޯލުވެސް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް، ހޫގޯ އެކިޓީކޭ އެވެ.

މެޗުގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޑޮމިނިކް ކަލްވާޓް ލެވިން ލީޑްސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓް ފަހުން އެންޓޮން ސްޓަޝް ވަނީ ލީޑްސްއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ޑޮމިނިކް ސޮބޮސްލާއި ކާމިޔާބުކުރި ގޯލާއެކު ލިވަޕޫލް މޮޅުވާން ދަނިކޮށް، ލީޑްސްގެ އައޯ ޓަނަކާ ވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ލީޑްސް އަށް ނަތީޖާ އެއްވަރުކޮށްދީ އެޓީމަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ.

މި މެޗުން ލިވަޕޫލް އެއްވަރުވިއިރު، މި މެޗަށް ލިވަޕޫލުން ނެރުނު ފުރަތަމަ އެގާރައިން ވެސް މުހައްމަދު ސަލާހުއަށް ފުރުސަތު ދީފައެއް ނުވެ އެވެ. ރޭގެ މެޗާއެކު ލިވަޕޫލުން ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުގައި ވެސް ސަލާހަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެއް ނުވެ އެވެ.