ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުގެ ހިތްހަމަނުޖެހުން އެ ކްލަބަށް އަމާޒުކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، މި މެޗުގެ ފުރަތަމަ އެގާރައިން ސަލާހަށް ޖާގަ ދީފައެއް ނުވެ އެވެ. ރޭގެ މެޗާއެކު ލިވަޕޫލުން ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުގައި ވެސް ސަލާހަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެއް ނުވެ އެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސަލާހު ބުނީ ޖެހިޖެހިގެން ތިން މެޗުގައި ބެންޗުގައި އިންނަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ބެންޗުގައި އިންނަން ޖެހުނީ ކީއްވެގެންކަން ވެސް ނޭނގޭ ކަމަށެވެ. އަދި ލިވަޕޫލުން މިހާރު ނެރެމުންދާ ދަށް ނަތީޖާތަކުގެ ހުރިހާ އިލްޒާމެއް އޭނާގެ ބޮލުގައި އަޅުވަން ކޮންމެވެސް ފަރާތަކުން ބޭނުންވާކަން ވަރަށް ސާފު ކަމަށާއި އަދި އޭނާ ކްލަބުގައި ހުންނަން ވެސް ކޮންމެވެސް ފަރާތަކުން ބޭނުން ނުވާހެން ހީވާ ކަމަށްވެސް ސަލާހު ބުންޏެވެ.
ސަލާހު ބުނީ މި ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުން އޭނާއަށް ވަރަށް ގިނަ ކަންކަމަށް ވައުދުވި ކަމަށާއި ނަމަވެސް އޭނާ މިހާރު ބެންޗުގައި އިންނަން ޖެހުމުން ވައުދުތައް ކްލަބަށް ދެމެހެއްޓިފައި ނުވާކަން ބުނަން ކެރޭ ކަމަށެވެ. އަދި ބެންޗުގައި އިންނަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭނާގެ މަގާމު އޭނާއަށް ހައްގު ކަމަށްވެސް ސަލާހު ބުންޏެވެ.
މީގެއިތުރުން ސަލާހު ވަނީ ލިވަޕޫލްގެ ކޯޗު އާން ސްލޮޓާއެކު މީގެކުރިން ރަނގަޅު ގުޅުމެއް އޮތް ނަމަވެސް މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ބުނެފަ އެވެ.
ސަލާހު ،33، ވަނީ ލިވަޕޫލަށް މިހާތަނަށް 420 މެޗު ކުޅެދީ 250 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ލިވަޕޫލާއެކު ސަލާހު ވަނީ މިދިޔަ އޭޕްރީލްގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.