Last Updated: July 7, 20:14
Tuesday, July 7, 2026
ކުޅިވަރު

އެމްއެލްއެސް ކަޕް މެސީގެ އިންޓަ މަޔާމީން ހޯދައިފި

ލިއޮނަލް މެސީގެ އިންޓަ މަޔާމީން 3-1 އިން ވެންކޫވާ ވައިޓްކެޕްސް ބަލިކޮށް އެމްއެލްއެސް ކާމިޔާބުކޮށްފި އެވެ.

މިއީ އިންޓަ މަޔާމީގެ ތާރީހުގައި އެމްއެލްއެސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މެސީގެ ކެރިއަރުގައި ކާމިޔާބުކުރި 48 ވަނަ ތަށްޓެވެ.

ފައިނަލް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ މަޔާމީންނެވެ. މި ގޯލަކީ މެޗުގެ އަށްވަނަ މިނެޓްގައި ވެންކޫވާގެ އެޑިއާ އޮކޮމްޕޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 60 ވަނަ މިނެޓްގައި އަލީ އަހުމަދު ވެންކޫވާ އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެސީ ދިން ޕާހަކުން މެޗުގެ 71 ވަނަ މިނެޓްގައި މަޔާމީ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރޮޑްރިގޯ ޑެ ޕޯލް އެވެ.

އަދި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން މަޔާމީގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދީފައިވަނީ ޓަޑެއޯ އަލެންޑް އެވެ.

މެސީގެ ކެޕްޓަން ކަމުގައި ކުޅެ އިންޓަ މަޔާމީން ހޯދި ފުރަތަމަ ތަށްޓަކީ 2023 ވަނަ އަހަރު ކާމިޔާބުކުރި ލީގްސް ކަޕް އެވެ. އަދި މިދިޔަ އަހަރު މަޔާމީން ސަޕޯޓާސް ޝީލްޑާއި އީސްޓާން ކޮންފަރެންސް ތަށި ކާމިޔާބުކޮށްފަ އެވެ.

އިންޓަ މަޔާމީގެ ކޮންޓްރެކްޓް މެސީ ވަނީ 2028 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.