Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

އައްޑޫ ޗެމްޕިއަންޝިޕްގެ ތަށި ފްރެންޑްސް އުފުލާލައިފި

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ތަށި ފޭދޫ ފްރެންޑްސް ކުލަބް އުފުލާލައިފި އެވެ.

އިއްޔެ ހަވީރު ހިތަދޫގެ، ޒޯން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗް އެ ޓީމު ކާމިޔާބުކުރީ މީދޫގެ ކުލަބް ލޮތާރިއާ ވާދަކޮށް 3-2 ލަނޑުންނެވެ.

މި މެޗްގައި ފްރެންޑްސް ކުލަބަށް ލަނޑުތައް ޖަހައި ދިނީ ހަސަން ޒައިދާއި އަނޫސް އަހުމަދުގެ އިތުރުން އެ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ރިފާތު މަހްމޫދެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް މަހުމޫދެވެ.

ލޮތާރި އަށް ލަނޑުތައް ޖަހައި ދިނީ ހަސަން ޝަފާފާއި އިބްރާހީމް ޝިނާޒެވެ.

ހެޕީ މާކެޓުން ސްޕޮންސަކޮށްގެން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި 100،000ރ. ދީފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތުގައި ވާދަކުރީ ފަސް ޓީމެކެވެ. އެއީ ފްރެންޑްސް ކުލަބާއި ލޮތާރި އާއި މަރަދޫ އެފްސީ އާއި ހިތަދޫގެ މައިލޯ ސިޓީ ސްޕޯޓްސް ކުލަބް އަދި ފޭދޫގެ ފާހި ސްޕޯޓްސް އެވެ.

މި މުބާރާތުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ. މުބާރާތް ބާއްވަމުން އަންނަނީ 2019 އިން ފެށިގެންނެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަނަކީ މައިލޯ އެވެ.