މި އަހަރު ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ސައްޔާރާ" އިން ތައާރަފުވެ، ބޮޑު މަޝްހޫރު ކަމެއް ލިބުނު އެކްޓަރު އަހާން ޕާންޑޭ މަޝްހޫރު ސައިކަލް ބްރޭންޑް ހާލީ-ޑޭވިޑްސަންގެ އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
މިކަން މިހާރު ރަސްމީކޮށް އިއުލާން ވެސް ކޮށްފައިވާ އިރު އަހާން މަސައްކަތް ކުރާނީ ހާލީ-ޑޭވިޑްގެ އާ މޮޑެލް 'އެކްސް440 ޓީ' ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އިންޑިއާގަ އެވެ. މިއީ ބޮލީވުޑަށް ތައާރަފުވެ ލިބުނު ބޮޑު މަޝްހޫރުކަމާ ގުޅިގެން އަހާން ސޮއިކުރި ފުރަތަމަ ބްރޭންޑް ވެސް މެ އެވެ.
ޖުލައި މަހު ރިލީޒްކުރި "ސައްޔާރާ" އިން އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނު 27 އަހަރުގެ އެކްޓަރު މިހާރު އަންނަނީ ދެވަނަ ފިލްމަކަށް ވެސް ތައްޔާރުވަމުންނެވެ. އެއީ "ސައްޔާރާ" ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ހަދާ ރޮމޭންޓިކް އެކްޝަން ތުރިލާއަކަށެވެ.
އަލީ އައްބާސް ޒަފަރް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމަށް އަހާން އަންނަނީ ހަށިގަނޑު ވެސް ވަރުގަދަ ކުރަމުންނެވެ. އާ ފިލްމުގައި އޭނައާ އެކު ބަތަލާގެ ރޯލު ކުޅޭނީ ޝަރްވާރީ އެވެ.
ނަން އަދި ސާފު ނުވާ މި ފިލްމުގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އާއިޝްވަރީ ތާކްރީ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.