Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

މީދޫ މަތިކިޅި އިކޯ ގާޑަން މަރާމާތް އަލުން ބީލަމަށް

އައްޑޫ މީދޫގެ ހިމާޔަތްކޮށްފައިވާ މަތިކިޅި އިކޯ ގާޑެންގެ މަރާމާތުގެ ދެވަނަ ފޭހުގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސއްކަތްކޮށް ދޭން ވާ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ކުރިން ހުޅުވައިލި ފުރުސަތު ބާތިލުކުރި އިރު، ބީލަން ހުށަހަޅަން ދިން މުއްދަތު މިދިޔަ މަހުގެ 13 އަށް އޮތީ ހަމަވެފަ އެވެ.

ކައުންސިލުން މިއަދު ބުނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 11 އަށް އޮންނާނެ ކަމަށެވެ. ބީލަމަށް ރަޖިސްޓްރީވާން 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ރަޖިސްޓްރީ ވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 33،500ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

މި ބީލަމާ ގުޅޭ މައުލޫމާތު ސެޝަނެއް މި މަހުގެ 14 ވަނަ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގަ އެވެ.

މަތިކިޅި އިކޯ ގާޑެންގެ ފޭސް ދޭއްގެ މަރާމާތް ބީލަމަށް ހުޅުވައިލި އިރު، އެތަނުގައި މި ފަހަކަށް އައިސް އަލިފާން ރޯވުމުގެ ހާދިސާތައް ތަކުރާރުވެ، ތަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.