Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ޑްރަގާ ގުޅިގެން މަރު އަދަބު ދޭން ސުއޫދު ދެކޮޅު!

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއާ އެއްވަރަށް ކޮރަޕްޝަންގެ ވަބާ ވެސް އޮތް ކަމަށެވެ.

ސުއޫދު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކް ކިރާ މީހުންނަށް ދެކޮޅަށް ގައުމުގައި މަސައްކަތްކުރާ ގޮތުގެ ސިޔާސަތަށް ބޮޑު ބަދަލެއް، ގެނައި އިރު، އެކަން އޮތީ ގަބޫލު ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މި މަހުގެ 3 ގައި ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ތަސްދީގު ވެސް ކުރައްވައިފަ އެވެ.

ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ޑްރަގު އެތެރެކުރުމުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ.

އެ ހާލަތްތަކަކީ:

* 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުން
* 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުން
* ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން

ގާނުނަށް ގެނައި ބަދަލުގައި ވަނީ މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ ކަމަށެވެ.

ޑްރަގު އެތެރެކުރާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100،000-10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ރާއްޖެ އިން މަސްތުވާތަކެތީގެ ވަބާ ނައްތައިލަން ހަރުކަށި އަބަދުތަކެއް ދޭން ނިންމި އިރު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ރަހުމެއް ނޯންނާނެ ކަމަށެވެ.

"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން،" އޭނަ ވިދާޅުވެފައިވެ އެވެ. "ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެ."

އިހުސާން ވިދާޅުވީ މިކަމުގައި ހަމައެކަނި އޮންނާނެ ގޮތަކީ ހަރުކަށި ޤާނޫނީ ފިޔަވަޅު އެޅުން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ ވަބާ އެވެ. މިކަން ނައްތައިލަން ކުރާ މަސައްކަތުގެ ދަށުން ފުލުުހުން އަންނަނީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެތީގައި އުޅޭ މީހުން އަތުލައިގަންނަމުންނެވެ. މީގެ ތެރެއިން އެފަދަ ނެޓްވޯކްތަކުގެ ބޮޑުންނަށް ހާއްސަކޮށް ޓާގެޓްކޮށްފައިވެ އެވެ.