Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ރަންބީރްގެ ދައްތަގެ ފިލްމު އަންނަ އަހަރު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ ދައްތަ، ރިދިމާ ކަޕޫރް ސަހާނީ ކުޅުނު ފުރަތަމަ ފީޗާ ފިލްމު "ދާދީ ކީ ޝާދީ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކުރިން މި ފެމިލީ ކޮމެޑީ ބެލުންތެރިންނަށް ގެނެސްދޭން ޕްލޭންކުރީ މި މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ފިލްމު ސިނަމާތަކަށް ގެނައުމަށެވެ.

ޑައިރެކްޓަރު އަޝިޝް އާރް މޯހަން ބުނީ "ދާދީ ކީ ޝާދީ" ބެލުންތެރިންނަށް ދޫކޮށްލަން މިހާރު ޕްލޭން ކުރަނީ އަންނަ އަހަރުގެ މެއި 10 ގައި ކަމަށެވެ. އެކަމަކު ފަހަރުގައި އެޕްރީލަށް ފިލްމު އަވަސްކޮށްފާނެ ކަމަށް ވެސް އޭނަ ބުންޏެވެ.

"ދާދީ ކީ ޝާދީ" ގެ ޝޫޓިން އެއްކޮށްހެން ނިމިފައިވާ އިރު، އަންނަ މަހުގެ ތެރޭގައި މީގެ ލަވައެއް ޝޫޓްކުރަން ހަމަޖެހިފައިވެ އެވެ. ފިލްމުގައި ރިދިމާއާ އެކު އޭނަގެ މަންމަ ނީތޫ ސިންގް ވެސް ފެންނާނެ އެވެ. އަދި މީގެ ކާސްޓްގައި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ވެސް ހިމެނެ އެވެ.

ރިދިމާ އަލަށް ފީޗާ ފިލްމެއް ކުޅުނު އިރު، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން މިހާތަނަށް ތިން ސީޒަނެއް ގެނެސްދިން ރިއަލިޓީ ސީރީޒް "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ތިން ވަނަ ސީޒަންގައި ރިދިމާ ބައިވެރިވެފައިވެ އެވެ. އަދި ދާދި ފަހުން ނެޓްފްލިކްސް އިން ޕްރީމިއާކުރި "ޑައިނިން ވިތު ކަޕޫރްސް" ގައި ވެސް ރިދިމާ ހިމެނެ އެވެ.

އޭނަ އަކީ މަޝްހޫރު ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރްގެ ކަޒިންއެކެވެ.