Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ސެލޫނަކަށް ވަދެ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ސެލޫނެއްގެ ތެރޭ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަލީ މަނިކު، 43، އަސަރީވިލާ/ސ. ހިތަދޫ އެވެ.

ފުލުހުން ބުނީ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާ މައްސަލަ މިމަހު 5 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ ފުލުހެއް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށެވެ.

އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުން ދާކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.