Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ހުޅުމާލެއިން 252 އުޅަނދު ޓޯކޮށްފި

ހުޅުމާލޭގެ މަގުމަތި ތަރުތީބުކުރުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގައި 252 އުޅަނދެއް ޓޯކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެއަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް އިއްޔެ ފެށި ޓޯ އޮޕަރޭޝަނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދެއް ޓޯކޮށްފައިވާ ކަމަށެވެ.

މި އުޅަނދުތައް މިހާރު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހުރިހާ އުޅަނދުތަކަކީ ވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.