Last Updated: July 7, 23:24
Tuesday, July 7, 2026
ޚަބަރު

ޖުޑިޝަރީ މިނިވަންވެއްޖެ، ދެން އޮތީ ޖޭއެސްސީ އިސްލާހުކުރުން

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ހަގީގީ މާނައިގައި ޖުޑިޝަރީ މިނިވަން ވެފައިވާ ކަމަށާއި ދެން އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖުޑިޝަރީ މިހާރު އޮތީ ހަގީގީ މާނައިގައި މިނިވަންކޮށްފައި ކަމަށާއި އެމަނިކުފާނު ނުވަތަ ސަރުކާރުގެ ބޭފުޅަކު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާނެ އެންމެ ފަނޑިޔާރެއް ވެސް ނުހުންނަވާނެ ކަމަށެވެ.

މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ސިޔާސީ ހައްޔަރީއެއް ނުހުންނާނެ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ހަގީގީ މާނައިގައި ކޯޓުތައް މިނިވަންކަމާއެކު ހިންގޭނެ ގޮތް ހެދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މީގެކުރިން ޑްރަގު މައްސަލަތައް ފަދަ މައްސަލަތަކުގައި ބިރުން ހުކުމް ނުކޮށް ތިބޭ ތިބުން ނިމިގެންދާތަން ފެންނަ ކަމަށާއި އެއީ ޖުޑިޝަރީ މިނިވަންވުމުން ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރިއަށް އޮތް ތަނުގައި ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކަމާއެކު އޮޕަރޭޓްކުރާކަން ރައްޔިތުންނަށް ފެންނަންޖެހޭ ކަމަށާއި ޖުޑިޝަރީ ފުރިހަމަކަމާއެކު މިނިވަންވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.