Last Updated: July 7, 23:24
Tuesday, July 7, 2026
ކުޅިވަރު

ސެލްޓަ ވީގޯ އަތުން ރެއާލް ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 2-0 އިން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.

މި މެޗުން ބަލިވުމުން ލީގުގެ ދެވަނައިގައި ރެއާލް މިހާރު އޮތީ 16 މެޗުން ލިބުނު 36 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި 16 މެޗުން 40 ޕޮއިންޓު ހޯދައިގެން އޮތީ ބާސެލޯނާ އެވެ. ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގަން ރަނގަޅު ފުރުސަތުތަކެއް ރެއާލުން ތަނަވަސްކުރިއިރު، މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ސެލްޓާ އަށް މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިލޮޓް ސްވެޑްބާގް އެވެ. މިއީ ރެއާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 64 ވަނަ މިނެޓްގައި ސެލްޓާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެއާލްގެ ޑިފެންޑަރު ފްރޭން ގާސިއާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ އިތުރު ޑިފެންޑަރެއް ކަމަށްވާ އަލްވަރޯ ކަރެރާސްއަށް ދެއްކި ރަތްކާޑާއެކު ރެއާލުން މި މެޗު ނިންމާލަން ޖެހުނީ 9 ކުޅުންތެރިންނާއެކު އެވެ.

ސެލްޓާގެ ދެވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ސްވެޑްބާގް އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ރެއާލަށް ކުރިއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.