Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

އެތެރެކުރި 1.2 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި މިލިއަނެއްހާ ރުފިޔާގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފު އެވެ.

ކަސްޓަމުން ބުނީ 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އަތުލައިގަތީ ކެނަބިސް ކަމަށެވެ. އެތަކެތި ރާއްޖެއަށް ވައްދަން އުޅުނީ ވައިގެ މަގުންކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 936،000ރ. އަށް އަރާ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައަޅާފައިވެ އެވެ. މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލަހުގައި ވާ ގޮތުން މަރުގެ އަދަބު ދޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފި ނަމަ އެވެ.

ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ޑްރަގު އެތެރެކުރުމުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ.

މަރުގެ އަދަބު ލިބޭ ހާލަތްތައް:

* 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުން
* 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުން
* ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން

ގާނުނަށް ގެނައި ބަދަލުގައި ވަނީ މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާނަމަ ކަމަށެވެ.

ޑްރަގު އެތެރެކުރާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.