މަކަރާއި ހީލަތުގެ މައްސަލައެެއްގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ "ރާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރާ އެކު ޖުމްލަ 7 މީހަކު އިއްގެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވިކްރަމްގެ އަންހެނުން ޝްވެތަމްބާރީ ބަޓާއި އަންހެން ދަރިފުޅު/ޑައިރެކްޓަރު ކްރިޝްނާ ބަޓް ހިމެނެ އެވެ.
އެ މީހުން ހައްޔަރުކުރި ފިލްމުތަކެއް ހަދަން ފަންޑްކުރި ފައިސާތަކެއް އަނބުރާ ރައްދު ނުކުރުމާއި ހަދަން އެއްބަސްވި ފިލްމުތަކުގެ ތެރެއިން ބައެއް ފިލްމުތައް ވަކި ހިސާބަކުން ހުއްޓާލުމުގެ އިތުރަށް ހެދި ފިލްމުތަކަށް ފަންޑްކުރި މީހާ އަށް ކްރެޑިޓް ދީފައި ނުވާތީ އެކަމާ ގުޅިގެން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ފިލްމުތަކެއް ހަދަން ވިކްރަމަށް ފަންޑްކުރީ 'އިންދިރާ އައިވީއެފް' ގެ ނަމުގައި އައިވީއެފްގެ ހިދުމަތް ދެމުން އަންނަ ޑރ. އަޖޭ މުރްދިއާ ކިޔާ މީހެކެވެ. އޭނަ ބުނީ ވިކްރަމާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން 30 ކްރޯޑް ރުޕީސް އިންވެސްޓްކުރި ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހަދަން ނިންމި ފިލްމުތަކުން ފައިދާގެ ގޮތުގައި 200 ކްރޯޑް ދޭނެ ކަމަށް ވިކްރަމް އެއްބަސްވި ކަމށް ވެސް ބުންޏެވެ.
ނަމަވެސް އިންވެސްޓްކުރި ފައިސާ އަށް ހިޔާނާޔްތެރިވެ، އެއްބަސްވުމާ ވިކްރަމް ހިލާފުވެފައިވާ ކަމަށް އަޖޭ ފުލުހުންނަށް ހުށަހެޅި ޅީ މައްސަލައިފައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އިއްޔެ ވިކްރަމް ހައްޔަރު ކުރުމުން އޭނަގެ ޓީމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އަޖޭ ކުރި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އަޖޭއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހަދަން ނިންމި ފިލްމުތަކެއްގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތީ އޭނަ ފަންޑް ކުރުން ހުއްޓާލުމުން ކަމަށް ބުނެފައިވެ އެވެ.
ވިކްރަމަކީ ބޮލީވުޑްގެ ނުފޫޒު ގަދަ ފިލްމީ އާއިލާއެއް ކަމަށްވާ ބަޓް ކޭމްޕަށް ނިސްބަތްވާ ޑައިރެކްޓެކެވެ. އޭނަ މިހާތފަބަށް ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. ވިކްރަމް ޑައިރެކްޓްކުރި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ފަރޭބް"، "ގުލާމް"، "1920"، "ހޯންޓެޑް 3ޑީ" އަދި "ގޯސްޓް" ހިމެނެ އެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 30 އަށް ތާވަލުކޮށްފައި އޮތް "ހޯންޓެޑް 3ޑީ: ގޯސްޓްސް އޮފް ދި ޕާސްޓް" އެވެ. ވިކްރަމްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ގެނެސްދިން "ތުމް ކޯ މޭރީ ގަސަމް" އެވެ. މިއީ ވިކްރަމަށް ފަންޑްކުރި އަޖޭ އަށް ޕްރޮޑިއުސަރެއްގެ ކްރެޑިޓް ދީފައި އޮތް ފިލްމެކެވެ.