Last Updated: July 7, 23:24
Tuesday, July 7, 2026
ޚަބަރު

އައްޑޫން ކަރަންޓް ކެނޑި، އަލުން ކަރަންޓް ދީފި

މަރުކަޒީ އިންޖީނުގޭގެ މުވައްޒަފުންތަކެއް މަސައްކަތުގައި.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން މިއަދު ކަރަންޓް ކެނޑުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް އަލުން ކަރަންޓް ދީފި އެވެ.

ކަރަންޓް ކެނޑުނީ 9:30 އެހާކަށްހާ އިރު އެވެ. އޭގެ ބައިގަޑިއެއްހާ އިރު ފަހުން ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު ސަރަހައްދަކަށް އަލުން މިހާރު ވަނީ ކަރަންޓް ދީފަ އެވެ.

ފެނަކަ އިން ބުނީ ކަރަންޓް ކެނޑުނީ އެ އަވަށްތަކަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލައެެއް ދިމާވެގެން ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ އަދި މިއީ ވަރަށް ގިނަ ބައެެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ފެނަކަ އިން ބުނާ ގޮތުން އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރަން މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓް ކެޕޭސިޓީ 16-17 ކިލޯވޮޓަށް އިތުރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މިހާރު އައްޑޫގެ ޕީކް ލޯޑަކީ 13 މެގަވޮޓެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ 2027 ގައި ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ. އެގޮތުން ކެޕޭސިޓީ 30 މެގަވޮޓަށް އިތުރު ވާނެ ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ.