ބޯޑަރުގެ މައްސަލައިގައި މި ފަހުން އަރައިރުން އުފެދިފައި ވަނިކޮށް ތައިލޭންޑުން މިއަދު ކެމްބޯޑިއާ އަށް ވައިގެ މަގުން ހަމަލާތަކެއް ދޭން ފަށައިއިފި އެވެ.
ތައި ރޯޔަލް ފުލުހުން ބުނީ މިއަދު ހެނދުނު ދޭން ފެށީ ހަމަލާތަކަކީ ކެމްބޯޑިއޯ އިން ދިން ހަމަލާތަކެއްގެ ރައްދުގައި ފެށި ހަމަލާތަކެއް ކަމަށެވެ. އެގޮތުން ކެމްބޯޑިއާ މިއަދު ދިން ހަމަލާތަކެއްގައި ސިފައިންގެ މީހަކު މަރުވުމުގެ އިތުރަށް އަށް އޮފިސަރަކު ޒަހަމްވެފައިވާ ކަމަށް ބުންޏެވެ.
ތައިލޭންޑުން ބުނީ ވައިގެ މަގުން ކެމްބޯޑިއާ އަށް ދޭ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެ ގައުމުގެ އަސްކަރީ މަރުކަރުޒަތަކަށް ކަމަށެވެ. އަދި މިއީ ތައިލޭންޑްގެ ބޯޑަރުގެ ދިފާއުގައި ފެށި ހަމަލާތަކެއް ކަމަށް ބުންޏެވެ.
"މި ހަމަލާތަކުގެސަބަބުން ކެމްބޯޑިއާގެ އާންމު ރައްޔިތުންނަށް އެއްވެސް ގެއްލުމަކާ ކުރިމައްޗެއް ނުވާނެ." ތައި ރޯޔަލް ފުލުހުންގެ ތަރުޖަމާނު ވިންތާއީ ސުވަރީ ވިދާޅުވި އެވެ.

ކެމްބޯޑިއާ އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން ތައިލޭންޑްގެ ބޮޑުވަޒީރު އަނޫތިން ޗަރްރަވިރަކުލް ވިދާޅުވީ މިއީ ގައުމުގެ ދިފާއާ އާއި އިސްތިގުލާލަށްޓަކައި ފެށި ހަމަލާތަކެއް ކަމަށެވެ.
"ތައިލޭންޑް ބޭނުމެއް ވެސް ނޫން ބޮޑު ކުރިމަތިލަކަށް ގޮސް ސުލްހަ މަސަލަސްކަން ގެއްލޭކަށް،" އޭނަ ވިދާޅުވި އެވެ. "އެކަމަކު ހާލަތު މިހާރު އޮތް ގޮތުން އެބަޖެހޭ ދިފާއަށްޓަކައި ނުކުންނަން."
ބޯޑަރުގެ މައްސަލައިގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ތައިލޭންޑާއި ކެމްބޯޑިއާއާ ދެމެދު ފަސް ދުވަހުގެ ހަނގުރާމައެއް ހިނގައި 48 މީހަކު މަރުވެ 300،000 އަށް ވުރެ ގިނަ މީހުންނަށް އޭގެ އަސަރުކުރި އެވެ.