ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލަ ޝަރީއަތަށް ސާބިތުވެ އެކަމުގައި އެންމެ އިސްކޮށް އުޅުނު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު ޝަހީބު އިބްރާހީމްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ ޑްރަގް ގެނައި ކަންނެލި ދޯނި ފުލުހުން ހޯދީ ހުޅުމާލޭ ފަޅު ތެރެއިންނެވެ. ޝަހީބާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ ހިމެނޭހެން ހަ މީހަކު ހައްޔަރުކުރީ އޮކްޓޯބަރު 2020 ގަ އެވެ.
ޝަހީބާއި އަހްމަދުގެ އިތުރުން އެ މައްސަލައިގައި ދެން ހުކުމް އިއްވީ ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު އާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށެވެ.
އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ޝަހީބާއި އަހުމަދުގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.
އެ މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުނުވާން ޝަހީބު އުޅުނީ ފިލައިގެންނެވެ. އަދި އޭނަ ފަހުން ފުލުސް އޮފީހަށް ހާޒިރުވީ އަންހެނުން ހައްޔަރު ކުރުމުންނެވެ.