Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ބަދަލުތަކަކާ އެކު 'ޕޮލިސް އެމްވީ' އަލުން ލޯންޗްކޮށްފި

ބަދަލުތަކަކާ އެކު "ޕޮލިސް އެމްވީ" އެޕް އަލުން ލޯންޗްކޮށްފި އެވެ.

ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަނެވޭ ގޮތަށް އަދި ޚިދުމަތަށް އެދެވޭ ގޮތަށް ތައްޔާރުކޮށް، އަޕްގްރޭޑްކޮށްފައިވާ އެޕްލިކޭޝަން މިއަދު ލޯންޗްކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ.

"ޕޮލިސް އެމްވީ" މިހާރުން ފަރުމާކޮށްފައިވަނީ، އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް، މޯލްޑިވްސް 2.0 އުސޫލުތަކާ އެއްހަމަކޮށް ޚިދުމަތްތައް އަވަހަށް ފަސޭހަކޮށް ލިބޭ ގޮތަށެވެ. ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެޕަށް އަލަށް އިތުރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި މައްސަލަ ހުށައެޅުމާއި، ތަހުޤީޤު ކުރާ މައްސަލަތަކާ ގުޅޭ ހެކި ހުށަހެޅުމާއި، ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ ގޮތް ހަމަޖެހުން ހިމެނެއެވެ. އަދި މައްސަލަ ތަޙުގީގު ކުރާ އޮފިސަރުގެ މަޢުލޫމާތާއި، އެ ފަރާތާއި ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ވެސް ފަހިކޮށްފައިވެ ވެ.

މީގެ އިތުރުން ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ޚިދުމަތްވެސް އެޕުން ހޯދޭނެ އެވެ. އަދި ގެއްލިގެން ރިޕޯޓްކުރާ ތަކެއްޗާއި، ޓޯކޮށްފައިވާ ވެހިކަލްތަކުގެ މަޢުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މައުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެ އެވެ.

ހަމަމިއާ އެކު ޕޮލިސް ސެޓްފިކެޓާއިދި ރެކޯޑް ކްލިއަރެންސް ފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފަސޭހަކަމާއެކު ސެޓްފިކެޓްތައް ޑިޖިޓަލްކޮށް އެޕުން ޑައުންލޯޑް ކުރެވޭނެ އެވެ.