ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައި.ޓީ ޑިޕާޓްމަންޓުގެ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރަނީ އެ ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމުގެ ތުހުމަތެވެ.
މި މައްސަލާގައި އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްފައިވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. އެހެންނަމަވެސް އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައި، އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދު، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އެހެންކަމުން، އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށް ޕީޖީއިން ބުނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާގެ އިސްތިއުފާ ސިޓީގައި އޭނާ ކުރި ކަމަށްބުނެ އާންމުން ކުރަމުންދާ ތުހުމަތުތަކަކަށް އިންކާރު ކުރައްވައި ކަމަށް ވިދާޅުވެފައިވެ އެވެ.