Last Updated: July 7, 23:36
Tuesday, July 7, 2026
ޚަބަރު

ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ރާއްޖެއަށް

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހައްޖާއި އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަލް ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންދާރު ބިން އަބްދުﷲ އަލްރަޖުހީ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކޮންފަރެންސް ފަށާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ޖަމިއްޔާގެ ޗެއާމަން ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ހައްޖު އެންޑް އުމްރާ ކޮންފަރެންސަކީ ހައްޖު އުމްރާގެ ހިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ހައްޖާއި އުމްރާގެ އަޅުކަމާއި ގުޅުންހުރި ހިދުމަތްތައް ފުޅާކުރުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސެކެވެ. އަދި މިއީ ޢުމްރާ ކުންފުނިތަކާއި އިސްލާމިކް މިނިސްޓްރީއާ އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅާފައިވާ ގޮތަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މައުލޫމާތުތައް ދީ ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.