الحمد لله والصّلاة والسّلام على رسول الله
އަސްލަކީ ވަރިއަށް އެދުން ހުއްދަވާ ސަބަބެއް އޮވެގެން މެނުވީ، އަނބިމީހާ ފިރިމީހާ ކައިރިން ވަރިއަށް އެދުން ހުއްދަ ނުވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.
(أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا الطَّلَاقَ مِنْ غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ) رواه أحمد (21874) وأبو داود (2226) والترمذي (1187) وصححه الألباني في “إرواء الغليل” (2035).
އެއްވެސް އަންހެނަކު (ޝަރްޢީ) ސަބަބަކާ ނުލައި އެކަނބުލޭގެ ފިރިމީހާގެ ގާތުން ވަރިއަށް އެދިއްޖެނަމަ، ފަހެ ސުވަރުގޭގެ ވަސް އެކަނބުލޭގެ މައްޗަށް ޙަރާމްވެގެންވެއެވެ.”
ޝައްކެއް ވެސް ނެތް ގޮތުގައި ފިރިމީހާ މަސްތުވާތަކެތި ބޭނުން ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު އަނބިމީހާ އަށް ފޯރާނޭ ކަމެކެވެ. އެކަމުގެ ސަބަބުން އެކަނބުލޭގެ އަށް ދުނިޔެއާ އި ދީން ވެސް ގެއްލިގެންދެ އެވެ. އެހެނީ އޭނާ މަސްތުގައިވާ ޙާލު އަނބިމީހާ އަށް ގެއްލުންދީ، ބައެއް ފަހަރަށް ތަޅައި އަނިޔާކޮށް، އަދި އެއްޗެހި ކިޔައި، ޙަރާމްކަންކަން ކުރުމަށް މަޖްބޫރު ނުކުރާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނޯންނާނެ އެވެ.
ފިރިމިހާ މަސްތުވާތަކެތި ބޭނުން ކުރުމަކީ އަނބިމީހާ ވަރި އަށް އެދުން ދީނީ ގޮތުން ހުއްދަވާ ސަބަބެކެވެ. އެކަމަކު، މިފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ، ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކެތްތެރިވެ އޭނާ އިޞްލާޙު ކުރެވޭތޯ މަސައްކަތްކު ރުމެވެ. އިޞްލާޙު ނުވި ނަމަ ނުވަތަ ފިރިމީހާ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އަނބިމީހާއަށް އެކިއެކި ގޮތްގޮތުން ގެއްލުން ލިބޭ ނަމަ، އެފަދަ މީހެއްގެ ކައިރިން ވަރިއަށް އެދުމަކީ ހުއްދަ ކަމެކެވެ.
ޝައިޚް މުޙައްމަދު ބިން އުޘައިމީން ރަޙިމަހުﷲއާ އެކަމާބެހޭގޮތުން ސުވާލު ކުރެވުނެވެ.
“މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފިރިމީހާގެ ގާތުން ވަރިއަށް އެދުމުގެ ހުކުމަކީ ކޮބައިތޯ އެވެ؟ އޭނާއަ އެކުގައި ދިރިއުޅުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަނބިމީހާއަށާއި ދަރީންނަށް ޚަރަދު ކުރާނޭ އޭނާ ފިޔަވައި އެހެން މީހަކު ނެތެވެ.”
ޝައިޚް ޖަވާބުގައި ވިދާޅުވި އެވެ.
“އަނބިމީހާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފިރިމީހާ ކައިރިން ވަރިއަށް އެދުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެކަބުލޭގެ ފިރިމީހާ އެވަނީ ޤަބޫލު ކުރެވޭ ޙާލަތެއްގައެއް ނޫނެވެ. މި ޙާލަތުގައި އެކަނބުލޭގެ ވަރިއަށް އެދެފިނަމަ، ދަރީންނަށް ހަތް އަހަރު ނުފުރޭހިނދު، ދަރީން ތިބެންވާނީ އެކަނބުލޭގެ ގާތުގަ އެވެ. އަދި ދަރީންނަށް ޚަރަދުކުރުން ލާޒިމު ވާނީ ދަރީންގެ ބައްޕަގެ މައްޗަށެވެ. ނަސޭހަތް ދީގެންވިޔަސް އޭނާ އިޞްލާޙުކުރުމަށްޓަކައި، އޭނާއާ އެކުގައި އުޅެން ބޭނުންނަމަ އެގޮތް ހެޔޮވެގެންވެ އެވެ.” “فتاوى المرأة المسلمة” (2/745، 746)
والله أعلم.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.