މި ހަފުތާގައި ޝޫޓިން ނިންމައިލި ސަލްމާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން" ގެ ފަސްޓްލުކް ޓީޒާ އޭނަގެ އުފަން ދުވަހު ދައްކައިލަން ރާވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާންގެ އުފަން ދުވަހަކީ ޑިސެންބަރު 27 އެވެ. މި އަހަރު އޭނަ އަށް ފުރޭނީ 60 އަހަރެވެ.
އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ "ބެޓްލް އޮފް ގަލްވާން" ގެ ޝޫޓިން ނިންމާލައި، މިހާރު އޭގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާ އިރު، އަންނަ އަހަރު ފިތުރު އީދުގައި ފިލްމު ރިލީޒް ކުރަން ޕްލޭން ކުރަމުން އަންނަ ކަމަށް ވެސް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެހެންވެ 27 ވަނަ ދުވަހު ފިލްމުގެ ޓީޒާ ދައްކައިލާނީ، ބެލުންތެރިންނަށް ފިލްމު ގެނެސްދޭ ތާރީހާ ވެސް އެކު ކަމަށް ބެލެވެ އެވެ.
"ބެޓްލް އޮފް ގަލްވާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
މީގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި "ސިކަންދަރު" އެވެ.