Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ބިދޭސީންގެ ސިއްހަތަށް ސަމާލުވުން ވަރަށް މުހިއްމު

ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް މިއަދު މަސައްކަތްނުކޮށްފި ނަމަ އާންމު ސިއްޙަތުގެ ދާއިރާއިން ހައްލުކުރަން ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ހެލްތު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

އާންމު ސިއްޙަތުގެ ދާއިރާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޕްޗީއޭ އާއި ޤައުމީ ޔުނިވަސިޓީ ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް މިއަދު ފެށި "އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް" އިފްތިތާޙުކޮށް ދެއްވައި މިނިސްޓަރު ވަނީ ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހި ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ހުރިހާ މުވައްސަސާއެއްގެ ބައިވެރިވުމަށް އެދިވަޑައިގަންނަވައިފަ އެވެ.

ނާޒިމު ވިދާޅުވީ ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީގެ އުޅޭއިރު، މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.

"ބިދޭސީންގެ ނިސްބަތުން ގިނައީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ މީހުން. ރާއްޖޭގައި ނެތް ނުވަތަ ނައްތާލެވިފައިވާ ބަލިތައް އެޤައުމުތަކުގައި އުޅޭއިރު، ރާއްޖެ އަށް އަންނަ ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން މުހިއްމު،" އޭނަ ވިދާޅުވި އެވެ. "ހުރިހާ މުވައްސަސާއެއް ގުޅިގެން މިއަދު ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ނުކުރެވިއްޖެ ނަމަ، އާންމު ސިއްޙަތުގެ ދާއިރާއިން ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިދާނެ."

އާންމު ސިއްޙަތުގެ ކޮންފަރެންސްގެ ތެރެއިން މިދިޔަ ޖޫން މަހު އިފްތިތާޙްކޮށްފައިވާ ބިދޭސީންގެ ސިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމަށް ކުރިމަތިވާ ހިރާސްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ފޯރުކޮށް ދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭ ގޮތުން ވެސް އިލްމީ މަޝްވަރާ ކުރާނެ އެވެ.

މިކަމުގައި މުވައްސަސާތަކާއި ގުޅިގެން އިސްތިރާޖީ ގޮތެއްގައި ގެނިވެދާނެ ހައްލުތަކާއި ގުޅޭ ގޮތުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިކޮންފަރެންސްގައި ބިދޭސީންގެ ކަންކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ސަރުކާރުގެ މުވައްސަސާތަކުން ބައިވެރިވެ އެވެ.

މިއީ "އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް" ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ކޮންފަރެންސް އޮތީ 2019 ގަ އެވެ.