ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ ސްޕީޑް ތިން ގުނަ ހަލުވި ކުރީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެޗްޑީީސީން ބުންޏެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.