ޗެމްޕިއަންސް ލީގުގައި މިރޭ އިންޓަމިލާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ލިވަޕޫލްގެ ސްކޮޑުން އެޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ބާކީކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުން ލީޑްސްއާ ދެކޮޅަށް ކުޅެ 3-3 އިން ލިވަޕޫލުން އެއްވަރުވި މެޗުގައި ސަލާހު ހުރީ ބެންޗުގަ އެވެ. މިއީ އޭނާއަށް ޖެހިޖެހިގެން ފުރަތަމަ އެގާރައިން ފުރުސަތު ނުދިން ތިންވަނަ މެޗެވެ.
އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސަލާހު ވަނީ ލިވަޕޫލްއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެޓީމުގެ ކޯޗު އާން ސްލޮޓާއި އެއްވެސް ގުޅުމެއް މިހާރު ނެތް ކަމަށް ބުނެފަ އެވެ.
އިންޓައާ ދެކޮޅަށް ލިވަޕޫލުން ނެގި 19 ކުޅުންތެރިންގެ ސްކޮޑުން ސަލާހުއަށް ޖާގަ ނުދޭން ނިންމީ އޭނާ އެންމެފަހުން ދިން އިންޓަވިއުއާ ގުޅިގެންނެވެ. މިއީ ލިވަޕޫލްގެ ކޯޗުގެ ފުރިހަމަ ސަޕޯޓާއެކު ކްލަބުން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސްކޮޑުން ބާކީ ކުރުމުގެ އިތުރުން އިތުރު ފިޔަވަޅެއް ސަލާހުއަށް އަޅަން ލިވަޕޫލުން ނިންމާފައެއް ނުވެ އެވެ.
ސަލާހު ،33، ވަނީ ލިވަޕޫލަށް މިހާތަނަށް 420 މެޗު ކުޅެދީ 250 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ލިވަޕޫލާއެކު ސަލާހު ވަނީ މިދިޔަ އޭޕްރީލްގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.