މީގެ 15 އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "3 އިޑިއަޓްސް" ގެ ދެވަނަ ބައިގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އެ ފިލްމު ޑައިރެކްޓްކުރި ރާޖްކުމާރު ހިރާނީ މިހާރު ދެވަނަ ބައިގެ ސްކްރީންޕްލޭ ވެސް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު މެދުތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "3 އިޑިއަޓްސް" ގެ ސީކްއެލް އިން ކުރީ ބައިގެ މައިގަނޑު ކާސްޓް ވެސް ފެންނާނެ ކަމަށް އެ ނޫހުން ބުންޏެވެ.
ވިދޫ ވިނޯދް ޗޯޕްޅާ ޕްރޮޑިއުސްކޮށް 2009 ގައި ގެނެސްދިން ފިލްމުގެ ލީޑް ތަރިންނަކީ އާމިރު ޚާނާއި އާރް މާދްވަން އާއި ޝަރުމަން ޖޯޝީގެ އިތުރުން ކަރީނާ ކަޕޫރެވެ. އަދި "3 އިޑިއަޓްސް" ގެ މުހިއްމު ރޯލުތަކެއް ބޮމަން އިރާނީ އާއި މޯނާ ސިންގް އާއި އަލީ ފަޒަލްގެ އިތުރުން އޯމީ ވައިދިއާ ވެސް ކުޅުނެވެ.
ބޮކްސް އޮފީހުގައި 400.61 ކްރޯޑް ރުޕީސް (44.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ލިޔުންޔެރިޔާ ޗޭތަން ބަގަތުގެ 2004 ގެ ވާހަކަ "ފައިވް ޕޮއިންޓް ސަމްވަން: ވަޓް ނޮޓް ޓު ޑޫ އެޓް އައިއައިޓީ" އަށް ބިނާކޮށް ހެދި ފިލްމެކެވެ. ހިރާނީ އާއި އަބިޖާތު ޖޯޝީ ސްކްރީންޕްލޭއަކަށް "3 އިޑިއަޓްސް" ހެދީ އެންމެ 55 ކްރޯޑް ރުޕީސް (6.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
މީގެ ދެވަނަ ބަޔަކަށް ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވެމުން އަންނަ އިރު، ހިރާނީ އޮތީ އާމިރު ހިމަނައިގެން ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ވެސް އިއުލާންކޮށްފަ އެވެ. އެއީ އިންޑިއާގެ ސިނަމާގެ ބައްޕަ، ދާދާސާހެބް ޕާލްކޭގެ ވާހަކަ ކިޔައިދޭ ފިލްމެވެ.
އާމިރުގެ "ޕީކޭ" އާއި ރަންބީރް ކަޕޫރްގެ "ސަންޖޫ" އަދިި ސަންޖޭ ދަތުގެ "މުންނާބާއީ އެމްބީބިއެސް" ވެސް ގެނެސްދިން ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާނާ އެކު 2023 ގައި ގެނެސްދިން "ޑަންކީ" އެވެ.
ކުޅަދާނަ ޑައިރެކްޓަރު މިހާރު އަންނަނީ ވެބް ސީރީޒެއްގެ މަސައްކަތް ކުރަމުންނެވެ.