ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
ވިލިމާލެ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުއްޓައި 31 ސިނގިރޭޓު ކާޓޫން ގެއްލުނު މައްސަލައިގައި ޖިނާއީ ތަހުގީގެއް ފުލުހުން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް، 39، އެވެ.
އޭނަ އަކީ ފުލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގެ މުވައްޒަފެކެވެ. މައްސަލައާ ގުޅިގެން މުނައްވަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.
ވިލިމާލޭގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓް ކާޓޫންތަކެއް ގެއްލުނުކަން ފުލުހުން ހާމަކުރީ މިދިޔަ މަހުގެ 22 ގަ އެވެ. އޭރު ފުލުހުން ބުނީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުކަން އެނގުނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މިދިޔަ މަހުގެ 12 ގައި ބެލި އިރު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އޭގެ އެކަން ހިނގާފައިވާ ގޮތް ބަލަމުންދަ ނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.