ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުކޮށް އެމްޑީޕީން ކާމިިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
އެ މަގާމަށް ރޭ ގައުމީ މަޖިލީހުން އިންތިހާބުކުރި ގަފޯ މިއަދު ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ޕާޓީގެ ހަރަކާތްތައް ދެން ދާނީ ފޯރީގައި ކުރިއަށް ކަމަށެވެ. އޭނަ ވިދާޅުވީ އެމްޑީޕީން އެެއްވެސް ބަޔަކު ވަކިވެގެން ގޮސް އެހެން ޕާޓީތަކާ ގުޅެން ބޭނުން ނުވާ ކަމަށާއި އެމްޑީޕީ ދާނީ އެކަތިގަނޑެއްގައި ބާރަށް ކުރިއަށް ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން އެންމެން އެކީގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ގަފޯ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިހާރުގެ ސަރުކާރުގެ ކަންކަން ކުރަމުން ދަނީ ހަމަ އާއި އިންސާފުން ނޫން ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން ތިބިކަން ކައުންސިލް އިންތިހާބުން ވެސް ސަރުކާރަށް ދައްކުވައި ދޭން ޖެހޭ ކަމަށެވެ. އެހެންވެ އެމްޑީޕީގެ މިހާރުގެ އެންމެ ބޮޑު ފޯކަސް އަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.