Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

'ބޯޑާ 2' އިން އަހާންގެ ޕޯސްޓަރު ދައްކާލައިފި

އަންނަ މަހު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ބޯޑާ 2" ގެ މައިގަނޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަހާން ޝެޓީގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މިއީ ޒުވާން އެކްޓަރުގެ ދެވަނަ ފިިލްމެވެ.

މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ބޮލީވުޑަށް ތައާރަފުވީ 2021 ގެ "ތަޅަޕް" އިންނެވެ. އޭނަގެ ދެވަނަ ފިލްމުގެ ގޮތުގައި "ބޯޑާ 2" ގެނެސްދޭ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ 1997 ގެ "ބޯޑާ" އަކީ އަހާންގެ ބައްޕަ ސުނިލް މުހިއްމު ރޯލެއް ކުޅުނު ފިލްމެއްކަމެވެ.

ނަމަވެސް ޖޭޕީ ދައްތާ ޑައިރެކްޓްކުރި އެ ފިލްމުގެ ކާސްޓުން "ބޯޑާ 2" ގައި ހިމެނެނީ ސަނީ ޑިއޯލް އެކަންޏެވެ. އާ ފިލްމުގައި ދެން ހިމެނޭ އެކްޓަރުންނަކީ ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖެވެ. އެ ތިން އެކްޓަރުންގެ ފަސްޓްލުކް ޕޯސްޓަރުތައް ކުރިން ވަނީ ދައްކާލައިފަ އެވެ.

އަންނަ މަހުގެ 23 ގައި ސިނަމާތަކަށް ގެންނަ "ބޯޑާ 2" އަކީ ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ 2019 ގެ "ކޭސަރީ" ގެނެސްދިން އަނޫރާގް ސިންގް އެވެ.

"ބޯޑާ 2" ގެ ބަތަލާއިންނަކީ ސޯނަމް ބަޖްވާ އާއި މޯނާ ސިންގް އަދި އާ ބަތަލާ މޭދާ ރާނާ އެވެ.

ބެލެވޭ ގޮތުން "ބޯޑާ 2" ގެ ޓްރެއިލާ މި މަހުގެ 16 ގައި އާންމުކުރާނެ އެވެ.