މި އަހަރުގެ "ޙައްޖު، ޢުމްރާ ކޮންފަރެންސް" އަންނަ ބުރާސްފަތީގައި ބާއްވަން ނިންމައިފި އެވެ.
މިއީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު "ޙައްޖު، ޢުމްރާ ކޮންފަރެންސް" ބޭއްވީ އޮކްޓޯބަރު 31 ގަ އެވެ.
މި ކޮންފަރެންސަކީ ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ޙައްޖާއި ޢުމްރާގެ އަޅުކަމާއި ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް، ޢުމްރާ ކުންފުނިތަކާއި މިނިސްޓްރީއާ އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މަޢުލޫމާތުތައް ދީ މިހާރަށް ވުރެ ބޮޑަށް ހޭލުންތެރި ކުރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
ކޮންފަރެންސްގެ ތެރޭގައި ޙައްޖާއި ޢުމްރާއާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަ ދެއްކުން ހިމެނެ އެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާ އާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެ އެވެ.
އިސްމާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ކޮންފަރެންސްގައި ވެސް ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެ ކަމަށެވެ.