މިދިޔަ ހޮނިހިރު ދުވަހުގެ އިންޑިއާގެ ގޯއާގެ ނައިޓްކުލަބެއްގައި ރޯވެ ގިނަ ބަޔަކު މަރުވި ހާދިސާ އަށް ފަހު އެ ތަނުގެ ވެރިން ފިލައިގެން ތައިލޭންޑަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
'ބާޗް ބައި ރޯމިއޯ ލޭން' ގެ ނަމުގައި ހިންގަމުން އައި ނައިޓްކުލަބްގެ ވެރިންނަކީ ދެބެއިން ކަމަށްވާ ސޯރަބް އާއި ގޯރަބް ލުތުރާ އެވެ. ފުލުހުން ބުނީ 25 މީހަކު މަރުވެ، އިތުރު ފަސް މީހަކު ފިހުނު ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ ދެ ބެއިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ގޮސްފައިވާ ކަމަށެވެ.
މި ހާދިސާގައި ފިހުނު މީހުންނަށް ހޮސްޕިޓަލްގައި އަދިވެސް ފަރުވާ ދެމުން އަންނަ އިރު، މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ނައިޓްކުލަބްގެ މުވައްޒަފުންނެވެ. މަރުވި މީހުންގެ ތެރޭގައި ޓޫރިސްޓުންތަކެއް ވެސް ހިމެނެ އެވެ.
ފުލުހުން ކުރިން ބުނީ ކުލަބްގައި ރޯވީ އެތަނުގެ ބަދިގޭގެ ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށެވެ. ނަމަވެސް ރޯވާން ދިމާވީ ނައިޓްކުލަބްގެ ތެރޭގައި ކުރިއަށް ގެންދިޔަ އަލިފާންގެ ކުޅިވަރުތަކެއްގެ ސަބަބުން ކަމަށް މިހާރު ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ނައިޓްކުލަބްގެ ވެރިން ފިލައިގެން ގައުމުން ބޭރަށް ގޮސްފައިވާތީ އެ މީހުން ހޯދަން މިހާރު އޮތީ އިންޓަޕޯލްގެ އެހީތެރި ކަމަށް ވެސް އެދިފަ އެވެ.
ނައިޓްކުލަބްގައި ރޯވި ހާދިސާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެތަނުގެ މެނޭޖަރު ވެސް ހިމެނެ އެވެ.
ގޯއާ އަކީ ޓޫރިސްޓުންގެ މެދުގައި އަބަދު ވެސް ވަރަށް މަގުބޫލު ތަނެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެތަނަށް އިންޑިއާގެ އިތުރުން އެހެން ގައުމުތަކުން ވެސް ގިނަ ބަޔަކު ޗުއްޓީ އަށް ދެ އެވެ.