މިހާތަނަށް އަދި އެކީގައި ފިލްމެއްގެ މަސައްކަތްކޮށް ނުވާ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ވިކީ ކޯޝަލްގެ ޖޯޑު ބޮޑު ސްކްރީނަސް ގެންނަން އަމާޒު ހިފައިފި އެވެ.
މީޑިއާތަކުން ބުނީ ވިކީ ހިމަނައިގެން ޑައިރެކްޓަރު އަމަރު ކޯޝިކް މިދިޔަ އަހަރުގެ ނޮވެމްބަރުގައި އިއުލާންކުރި ޕީރިއަޑް ފިލްމު "މަހާވަތުރު" ގެ ބަތަލާގެ ރޯލަށް ދީޕިކާ ގެންނަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ ފިލްމެކެވެ.
މި ސްޓޫޑިއޯ އަކީ އެތަނުގެ ހޮރޯ-ކޮމެޑީއަކަށް ވެސް ދީޕިކާ ގެންނަން މަސައްކަތް ކުރަމުން އަންނަ ސްޓޫޑިއޯ އެވެ. އެެ ވާހަކަ ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައިވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "މަހާވަތުރު" އަށް ދީޕިކާ ގެންނަން ހުށަހަޅައި، މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ޕްރޮޖެކްޓްތަކަކާ ގުޅޭ ގޮތުން ބައްދަލުވުމަކަށް މިދިޔަ މަހުގެ ތެރޭގައި އޭނަ މެޑޮކްގެ އޮފީހަށް ވެސް ގޮސްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ވިކީ ބަތަލުގެ ރޯލު ކުޅޭ ފިލްމެއް ދީޕިކާ އަށް ހުށަހެޅި އިރު، އޭނަ އަކީ ވިކީގެ އަންހެނުން ބަތަލާ ކެޓްރީނާ ކައިފާ ކުރިން ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް ބަތަލާއެކެވެ. އެއީ މިހާރު އާލިއާ ބަޓްއާ ކައިވެނިކޮށްގެން އުޅޭ ރަންބީރް ކަޕޫރްއާ ދީޕިކާ ރައްޓެހިވެގެން އުޅެނިކޮށް، އޭނަ ދޫކޮށްލާފައި ރަންބީރް ކެޓްރީނާއާ ރައްޓެހިވުމާ ގުޅިގެންނެވެ.
ނަމަވެސް މި ތަރިންތަކުގެ ކައިވެނިތަކަށް ފަހު ކުރިން އޮތް ވާދަވެރިކަމާއި ރުޅިވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. ދީޕިކާގެ ފިރިމީހާ އަކީ އިންޑިއާގެ ސިނަމާތަކުގައި މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ދުރަންދާރް" ގެ ބަތަލު ރަންވީރު ސިންގް އެވެ.