Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ކައުންސިލްސް އިންޓާނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

ލޯކަލް ކައުންސިލްސް އިންޓާނަލް އޮޑިޓް ކޮންފަރެންސް މިއަދު ފަށައިފި އެވެ.

ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ލޯކަލް ގަވަރަމަންޓް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އާދަމް ޝަރީފު ޢުމަރެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ހެނދުނު ފެށި މި ކޮންފަރެންސަކީ އަލަށް ޢައްޔަން ކުރެވޭ އޮޑިޓަރުންނަށް މައުލޫމާތު ދިނުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސެކެވެ. މީގައި އޮޑިޓަރުންގެ ހުނަރާއި، އަމަލީ ޤާބިލުކަން އިތުރު ކުރާނެ އެވެ.

ކޮންފަރެންސްގެ ޝިޢާރަކީ "ސްޓްރެންތިން ގަވަނަންސް: އިންޓްރޮޑިއުސިން އިންޓާނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަސައިޓް" އެވެ.

ޖުމްލަ 47 ބައިވެރިންނާ އެކު ކުރިއަށްދާ ކޮންފަރެންސްގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވެ އެވެ.

މިއީ ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ކޮންފަރެންސެވެ.