ޙަޤީޤީ މާނާގައި ކައުންސިލުތައް ހިންގުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އިންޓާނަލް އޮޑިޓްގެ ރަނގަޅުވުން ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓާނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން މިއަދު ފެށީ "ލޯކަލް ކައުންސިލްސް އިންޓާނަލް އޮޑިޓް ކޮންފަރެންސް" ގައި އޭނަ ވިދާޅުވީ ކައުންސިލުތަކުން ކުރެވޭ މަސައްކަތްތަކަކީ ހަރުދަނާ، މީހުން ބަލައި ގަންނަ އަދި އިތުބާރުކުރާ މަސައްކަތްތަކަކަށް ހެދުމަށް ޓަކައި އިންޓަރނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ދޭ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އިންޓާނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުން އަންނަ އިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ ރައްކާތެރިވުމަށް ޓަކައި ދުރާލައި ކުރަން ޖެހޭ ކަންތައްތަކަށް މަގުފަހިކުރުމެވެ.
"ޙަޤީޤީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން'." އާދަމް ވިދާޅުވި އެވެ.
އޭނަ ވަނީ މާލިއްޔަތު ޤާނޫނު ތަންފީޒު ކުރަމުން އަންނަ އިރު ކައުންސިލްތަކުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލާ މަޝްވަރާކުރަން ވެސް އެދިވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ކޮންފަރެންސް ނިމިގެން ދާއިރު ލާމަރުކަޒީ ޤާނޫނު އިތުރަށް ހަރުދަނާ ކަމެއް އަންނާނެ ކަމަށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ.