Last Updated: June 6, 22:05
Saturday, June 6, 2026
މުނިފޫހިފިލުވުން

ވިހެއުމަށް ފަހު ކިއާރާ މަސައްކަތަށް ނުކުމެއްޖެ

ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އަލަތު ދަރިފުޅު ވިހެއުމަށް ފަހު، ފިލްމީ މަސައްކަތަށް އެނބުރި ރުޖޫއަވެއްޖެ އެވެ.

އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެސް އެ ވާހަކަ ހިއްސާކޮށް، ދެން އޮތް ދަތުރު މާ ވަރުގަދަ ވާނެ ކަމަށް ބުނެފައިވެ އެވެ. ބައެއް މީޑިއާތަކުން އިއްޔެ ވަނީ ކިއާރާ އިއްޔެ ޝޫޓަކަށް ނުކުމެ ފެނިގެން ނަގާފައިވާ ވީޑިއޯތަކެއް ވެސް އާންމުކޮށްފަ އެވެ.

އޭނަ ވިހެއީ ޖުލައި މަހުގެ 16 ގަ އެވެ. އަދި އޭނަ އާއި ސިދާތުގެ ދަރިފުޅުގެ ނަމަކީ ސަރާޔާ މަލްއުތުރާކަން އިއުލާންކުރީ މިދިޔަ މަހުގެ 28 ގަ އެވެ.

ކިއާރާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެެއް ބަތަލާއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި ރިތިކް ރޯޝަންގެ "ވޯ 2" އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރުގެ މާޗް 19 އަށް ތާވަލުކޮށްފައިވާ "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އިންނެވެ. މިއީ "ކޭޖީއެފް" ގެ އެކްޓަރު ޔާޝްގެ ފިލްމެކެވެ.

ކިއާރާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާގެ "ކަމަލް އޯރް މީނާ" އަދި "ޑޮން 3" ހިމެނެ އެވެ. އެކަމަކު ފަރުހާން އަޚްތަރު ޑައިރެކްޓްކޮށް، ރަންވީރު ސިންގް ބަތަލު ރޯލު ކުޅެން ހަމަޖެހިފައިވާ "ޑޮން 3" އިން ކިއާރާ ވަކިވެފައިވާކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.

އޭނަ މާބަނޑުވި ހިސާބުން އެ ވާހަކަ ދެކެވެން ފެށި ނަމަވެސް އެކަން މިހާތަނަށް ކަށަވަރެއް ނުވެ އެވެ. ބައެއް ރިޕޯޯޓްތައް ބުނާ ގޮތުން ކިއާރާގެ ބަދަލުގައި "ޑޮން 3" އަށް ވަނީ ކްރިތީ ސެނަން ނަގައިފަ އެވެ.