Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ވައްކަމުގެ ހަޑިމުޑުދާރު އަމަލުން ދުރުވާން ގޮވާލައިފި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް - ފޮޓޯ: މަޖިލިސް

ވައްކަމުގެ ހަޑިމުޑުދާރު އަމަލުން ދުރުވާން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރަމުންދާ އެންޓި ކޮރަޕްޝަންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީކުރައްވައިފައިވާ އަމަލެއް ކަމަށެވެ. އެފަދަ އަމަލުތަކުން މަންފާ ހޯދާ، ލިބިގަނެ އެ ބޭނުންކުރުމަކީ މި ދިވެހި ގައުމު ފަސާދައިގެ ތެރެއަށް ގެންގޮސް، މުޖުތަމައު ހަލާކުގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މިފަދަ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ކޮންމެ މީހަކު ހިމެނޭނީ ނަރަކައިގެ ގަދަފަދަ ވެގެންވާ އަޒާބުގެ އަހުލުވެރީން ކަމުގައި ކަމަށެވެ.

"ވީމާ، ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި އެންމެހައި ވެރިންނަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވައްކަމުގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް އަޅުގަނޑު ނަސޭޙަތްތެރި ވަމެވެ،" ސިޔާމްގެ ޕޯސްޓުގައިވެ އެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 9 ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރެވޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ. މިއީ އ.ދ. ގައި ރިޒޮލިއުޝަނުން ކަނޑައަޅާފައިވާ ދުވަހެކެވެ.