ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ސޮއިކުރި ފުރަތަމަ ބައޮގްރަފިކަލް ޑްރާމާ "ވީ ޝަންތަރަމް" ގެ ބަތަލާ އަކީ ތަމަންނާ ބާޓިއާކަން ކަށަވަރުވެއްޖެ އެވެ.
މި ފިލްމުގެ ބަތަލާ އަކީ އޭނަ ކަމަށް މީޑިއާތަކުން މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓްކޮށްފައި ވަނިކޮށް ފިލްމުގެ ޓީމުން މިއަދު ވަނީ ތަމަންނާގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން "ވީ ޝަންތަރަމް" ގައި އޭނަ ކުޅޭނީ ކުރީގެ ބަތަލާއެއް ކަމަށްވާ ޖަޔަޝްރީގެ ރޯލެވެ.
މި ފިލްމަކީ ހިންދީ ފިލްމުތަކުގެ އިތުރުން މަރާޓީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހުސިއްތެއް ކަމަށްވާ ވީ ޝަންތަރަމްގެ ހަޔާތަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. "ވީ ޝަންތަރަމް" ގެ ޓައިޓްލް ރޯލު ސިދާންތު ކުޅެން ހަމަޖެހިފައިވާ އިރު، މީގެ ޑައިރެކްޓަރަކީ އަބިޖީތު ޝިރިޝް ދޭޝްޕާންޑޭ އެވެ.
އޭނަ އަކީ ހިންދީ ފިލްމުތައް ކަމަށްވާ 2018 ގެ "ބްރީތު" އާއި 2016 ގެ "ވަޒީރު" ގެ އިތުރުން 2013 ގެ "ޓޭބަލް ނަމްބާ 21" ގެ ސްކްރީން ރައިޓަރެވެ. އަބިޖީތަކީ މަރާޓީ ސިނަމާގެ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޑރ. ކަޝީނާތު ގަނޭކަރްގެ ބައޮގްރަފިކަލް ޑްރާމާ 2018 ގެ "އަނީ…ޑރ. ކަޝީނާތު ގަނޭކަރް" އާއި 2022 ގެ "ހަރް ހަރް މަހާދޭވް" ގެ ޑައިރެކްޓަރު ވެސް މެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ވީ ޝަންތަރަމް" ގެ ގެ ކާސްޓްގައި ފަރުދީން ޚާން ވެސް ހިމެނެ އެވެ.
މި ފިލްމު ރަސްމީކޮށް އިއުލާންކުރީ މި މަހުގެ 1 ގަ އެވެ. އެކަމަކު އަދި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ހާމައެއް ނުކުރެ އެވެ.