Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ފިކުރީ ހަނގުރާމަ މިއަދު ކުރެވޭ ގޮތްތައް!

الحمد لله والصلاة والسلام على رسول الله

ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލި ނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަ ފެށީ ފިކުރީ ގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލި ކުރުމަށެވެ.

ފިކުރީ ހަނގުރާމަ ކުރެވެނީ ރޭވިފައިވާ ޕްލޭންތަކަކާ އެއްގޮތަށެވެ. މިކަމަށް ޚާއްޞަ ޢިލްމުވެރިންނާ ސްޕެޝަލައިޒް ވެފައިވާ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ޚާއްޞަ ބަޔަކު ތައްޔާރުކޮށް ދުލާއި ޤަލަމާއި މީޑިއާގެ ތަފާތު ވަސީލަތްތަކުގެ އެހީއާ އެކު މިރޭވުންތަކަށް ޢަމަލީ ސިފަ ގެނެވުނެވެ. މިގޮތުން ނެރެވޭ ނޫސްމަޖައްލާތަކާއި، ފޮނުވޭ ތަފާތު ޕްރޮގްރާމްތަކަކީ މިކަމަށްޓަކައި މިއަދު ކުރެވޭ މަސައްކަތްތަކެވެ.

މިބައިމީހުންގެ ޚިޔާލުގައި އިސްލާމްދީނަށް ރައްދު ޙަމަލާނުދެވޭ ޚިޔާލެއް އުފެދިގެން ނުވާނެއެވެ. މިހެންވެ ފަރަންސޭސި ބޭފުޅެއް ކަމުގައިވާ ކޭމަން ވިދާޅު ވަނީ “އިސްލާމް ދީނަކީ ބަލިމަޑު ކަމެކެވެ. ނުވަތަ މޮޔަވުމެކެވެ. އޭގެ ސަބަބުން މީސްތަކުން ކަންނެތް ކުރާ ކަމެކެވެ.” މިބައިމީހުންގެ ހިތުގައި އިސްލާމް ދީނާ މެދު ރޯވެފައިވާ ނަފުރަތުގެ އަލިފާންގަނޑުގެ ހޫނުކަން މިފަދަ ބުނުންތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވެ އެވެ.

ކީރިތި ޤުރުއާނުގެ އަގު ވައްޓާލުމަކީ ވެސް ފިކުރީ ހަނގުރާމައިގެ އެއްމެ މުހިއްމު އެއް މަޤްޞަދެވެ. މިގޮތުން ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅު ނޫންކަމާއި ކީރިތި ރަސޫލާ އަމިއްލަފުޅަށް ލިޔުއްވާފައިވާ އެއްޗެއްކަމަށް އެބައިމީހުން ބުނެ އުޅެއެވެ. އަދި ކީރިތި ޤުރުއާނުގައި ހިމެނޭ ބައެއް އާޔަތްތައް ނަގައިގެން ކީރިތި ޤުރުއާނަކީ ވަކިކަމަކަށް ހިތްވަރުދޭ ފޮތެއް ކަމަށާއި އެއީ މިއަދުގެ މުޖްތަމަޢާ އެކަށީގެންވާ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ހުރި ފޮތެއް ނޫންކަން މުސްލިމް ސިކުނޑިތަކަށް ވައްދައި ދިނުމަށްޓަކައި އެކި އެކި ވަޞީލަތްތަކުގެ ބޭނުންކޮށްގެން އެބައިމީހުންނަށް ކުރެވުނުހައި ކަމެއް ދަނީ ކުރަމުންނެވެ.

ހަމަ އެފަދައިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާހިރު ސުންނަތާމެދު މުސްލިމުން ދެކޭ ގޮތް ބަދަލުކޮށްލަން ވެސް މަސައްކަތް ކުރެއެވެ. ގޯލްޑްޒޭރު ކިޔާ މީހަކު ލިޔެފައިވާ ގޮތުގައި “ޙަދީޘޭ މި ކިޔެނީ ހިޖުރީ ގޮތުން ފުރަތަމަ ޤަރުނުގައި ހިނގާފައިވާ ދީނީ ޖަދަލުތަކެއްގެ މައްޗަށް އެކުލަވާފައިވާ ފަތްފުށްތަކަކަށެވެ. އެހެންވީމާ، އޭގައި ތާރީޚީ ކުށްތައް ގިނަވެފައި ނުބައި މަޢުލޫމާތު ގިނަކަން ފާހަގަ ކުރެވެއެވެ.”

މިހުރީ މުސްލިމުންގެ ޝަރީޢަތުގެ އެއްމަޞްދަރާމެދު މުސްލިމުންގެ ހިތުގައި ޝައްކު އުފެއްދުމަށްޓަކައި ފަތުރާ ބުހުތާނުތަކެވެ.

ފިކުރީ ހަނގުރާމައިގެ އަހުލުވެރިން އެންމެ ރުޅިއަންނަނީ އިސްލާމްދީން ފުރިހަމަކަމާއެކު ތަބްލީޣްކޮށްދެއްވި އަޅުގަނޑުމެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެއެވެ. ފާޑުކިޔުމާއި ފުރައްސާރަކުރުމުގެ ވިހަ ތީރުތައް އެންމެ ގިނައިން އަމާޒުވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.

އެކަލޭގެފާނަށާއި އެކަލޭގެފާނު ގެނެސްދެއްވި ތަކެއްޗަށް މުސްލިމުން ކުރާ މަތިވެރި ޤަދަރާއި އިޙްތިރާމް ނެތިކޮށްލުމަށްޓަކައި އެކަލޭގެފާނުގެ މާތް ސީރަތާ އަދި ޞައްޙަ ޙަދީޘްތައް އޭގެ މަފްހޫމުން ބޭރުގައި އެބައިމީހުން ބޭނުން ގޮތަކަށް މާނަކޮށް މުސްލިމުންގެ ސިކުނޑިތަކުގައި އެކަލޭގެފާނާ އެކަލޭގެފާނު ގެންނެވި ތަކެއްޗާމެދު ޝައްކު އުފެއްދުމަށްޓަކައި ކެނޑިނޭޅިދަނީ އެތައް މަސައްކަތްތަކެއް ކުރެވެމުންނެވެ.

އެގޮތުން އެކަލޭގެފާނަކީ އެކަލޭގެފާނާ ދެކޮޅުވިހާ ބަޔަކު ޤަތުލު ކުރެއްވި ބޭކަލެއްކަމުގައި ލިޔެފައިވެއެވެ. މިފަދަ ގޮތަކަށް ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތާމެދު ލިޔެފައިވާ މީހުންގެ ތެރޭގައި ވިލިއަމް މޮރޯ، ހެންރީ ލޭމްސް، އަލްފްރެޑް ޖިމް، ގޯލްޑް ޒޭރު ފަދަ މީހުން ހިމެނެއެވެ.

ޣައިބަށް އިންކާރު ކުރުމަށް ގޮވާލުމަކީވެސް ފިކުރީ ހަނގުރާމައިގައި ބޭނުންކުރާ ކަމެކެވެ. އެހެންވީމާ، ސުވަރުގެ އާއި ނަރަކަ އަކީ ނަފްސުގައި އުފެދޭ ޝުޢޫރެއްކަމަށް ބުނެ އެކަން އެގޮތަށް ޤަބޫލު ކުރުވުމަށް މަސައްކަތްކޮށްފައި ވެއެވެ. ޖިންނީންނާއި މަލާއިކަތުންނަކީ ވާބައެއް ނޫންކަމަށާއި ޤިޔާމަތްދުވަހަކީ އޮތް ދުވަހެއް ނޫންކަން ވިސްނަދީގެން ޣައިބަށް އީމާންވުން ޤަބޫލުނުކުރާ ބަޔަކަށް މުސްލިމުން ހެދުމަށްޓަކައި ފިކުރީ ހަނގުރާމައިގެ ކުޑައިގެ ދަށުގައި މަސައްކަތްކުރެވެއެވެ.

އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފްސުތަކާމެދު ވިސްނާލުން ހުއްޓެވެ! ފިކުރީ ހަނގުރާމަ މަސައްކަތްކުރާ ގޮތް ދެނެގަންނަން އެބަޖެހެއެވެ. ފިކުރީ ހަނގުރާމައިގައި މަސައްކަތް ކުރަނީ އަހަރެމެން ޤަބޫލުކުރާ ޤަބޫލުކުރަންތަކާއި ދެންގަންނަން ޖެހޭ ދެނެގަތުންތަކާ މެދު ޝައްކު އުފެއްދުމަށް ކަމަށް ޤަބޫލުކުރަން އެބަ ޖެހެ އެވެ. މިކަމަށްޓަކައި ކުރެވޭ ވަރަށް ގިނަ ކަންތައްތަކެއްވެ އެވެ. މިސާލަކަށް:

– ތަކްލީފުތައް ދޫކޮށްލުމަށް ގޮވާލުން
– ނޭޗަރއަށް އަޅުކަން ކުރުމަށް ގޮވާލުން
– އެއްކައުވަންތަ ކަމަށް އިންކާރުކުރާ މާއްދީ ނަޒަރިއްޔާތު ހުށަހެޅުން
– އިސްލާމީ ޝަޚްޞިއްޔަތު ރޫޅާލާފަދަ ކަންކަމަށް ދަޢުވަތު ދިނުމާ ރޫޙު ގެނައުމަށް މަސައްކަތް ކުރުމާއި، އިސްލާމްދީން ފެތުރެނީ ކަނޑީގެ ބާރުން ކަމަށް ބުނުމާއި، ލާދީނީ ފިކުރުތަކަށް ހިތްވަރު ދިނުމާއި، އިސްލާމް ދީނާމެދު ދޮގު ވާހަކަތައް ފެތުރުމާއި، ޢާއިލީ ގުޅުމާ ފަރުދީ ގުޅުމަށް އިސްލާމްދީނުގެ ސަބަބުން ނޭދެވޭ އަސަރު ކުރާކަމަށް ބުނުންފަދަ ކަންތައްތައް

އިޖްތިމާޢީ ޙަޔާތަށް ބަލާއިރު މީސްތަކުންގެ ދީނާ އާދަކާދަ އަދި ފިކުރުތައް ބަދަލު ކުރުމަށްޓަކައި ފިކުރީ ހަނގުރާމައިގައި އިޖްތިމާޢީ ތަޞައްވުރުތައް ސިޔާސީ ބޭނުންތަކުގެ ނަމުގައި އެކުލަވާލާފައިވެ އެވެ. މިގޮތުން އަންހެނުންގެ ޙައްޤުތައް ހޯދައި ދިނުމާއި، އިންސާނީ ޙައްޤުތައް ހޯދައި ދިނުމާއި، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކާ މެދު ފާޑުކިޔުމާއި، ޤިޞާޞްހިފުމާ ދެކޮޅު ހެދުމާއި، ތަޢުލީމީ މަންހަޖަކީ ފިކުރީ ހަނގުރާމައިގެން “އެޖެންޓުން” ކޮށާމަށާފައިވާ މަންހަޖަށް ހެދުމާއި، އިސްލާމް ދީނަކީ އެދީނުގެ ބައެއްކަންތައްތަކަށް ތަބާވަންޖެހޭ ދީނަކަށް ހެދުމާއި، އިޤްތިޞާދީ ނިޠާމް ރިބާއާއި ރަލުގެ މައްޗަށް ބިނާކުރުމާއި، މަސްތުވާތަކެއްޗާއި ކުށްވެރިންނަށް އެހީވުމުގެ މާޙައުލެއް އުފެއްދުމާއި އެކަމުގެ ސަބަބުން ޢާއިލާތައް ރޫޅި، ކުށްކުރުން ގިނަވެ މުޖްތަމަޢުގެ އަމާންކަން ގެއްލުވާލުމާއި، ޤައުމުގެ ޢާއްމުންނަކީ ސިޔާސީ މީހުން އެބައިމީހުންގެ ސިޔާސީ މަޤްޞަދުތައް ޙާޞިލްކުރުމަށް ގެންގުޅޭ ހަތިޔާރަކަށް ހެދުމާއި، ޑިމޮކްރަސީގެ ނަމުގައި ލާދީނިއްޔަތު ފެތުރުމަކީ މިއަދު ފިކުރީ ހަނގުރާމައިގެ އޮއިވަރު ދިވެހިރާއްޖޭގައި އޮތްވަރު ހާމަކޮށްދޭ ބައެއް ކަންކަމެވެ.

ފިކުރީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި ކަމަކީ ފިކުރީ ހަނގުރާމައިގެ އަވާގައި ޖެހި ހަފުސްވެފައިވާ މީހަކަށްވެސް އެމީހާ އެހުރީ ފިކުރީ ހަނގުރާމައިގެ ޝިކާރައަކަށް ވެފައިކަން ޤަބޫލުނުކުރެވުމެވެ. މިއަދު ވަޞީލަތްތައް ކުރިއަރާފައިވާ މިންވަރުން ފިކުރީ ހަނގުރާމަ ދިވެހިންގެ ބޮލަށް ވެއްދުމަށްޓަކައި ކޮންމެހެން ދިވެހި ދަރިޔަކު އެމެރިކާއަށް ނުވަތަ އިނގިރޭސިވިލާތަށް ގެންދާކަށް ނުޖެހެ އެވެ.

ގޭގެ ސިޓިންރޫމްގައި ސޯފާގައި އިންދާ ދިވެހި ސިކުނޑިތަކަށް މިއަދު އެފަދަ ވައިރަސްތައް އެބަ ވައްދައެވެ. ފިލްމުތަކާއި ޓީވީ ޗެނަލްތަކާއި އިންޓަރނެޓްގެ ޛަރީޢާއިންނެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ރޯލެއް އަދާކުރަނީ މިފަދަ ޗެނަލުތަކެވެ. ކާޓޫނާއި ގޭމްތަކުގެ ނަމުގައެވެ. މިފަދަ ތަރުބިއްޔަތެއް ލިބިގެން ބޮޑެތިވާ ދަރީންގެ އިސްލާމީ ޢަޤީދާ ކިހާ ފެންވަރެއްގައި ހުންނާނޭކަން ތަޞައްވަރުކޮށްލައްވާށެވެ!

ފިކުރީ ހަނގުރާމަ މުޖްތަމަޢުން ނައްތާލެވޭނީ ފިކުރީ ހަނގުރާމަ ކުރެވޭ ގޮތްތައް ދެނެގަނެވިގެންނެވެ. އަދި މިކަންތައްތަކުގެ ނުރައްކާތެރިކަން ރައްޔިތުންނަށް ވިސްނަދީގެންނެވެ. އަމިއްލަ ނަފްސު ފިކުރީ ހަނގުރާމައިގެ އޮއިވަރުން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއެކު ތިމާގެ ލޯބިވާ ޢާއިލާވެސް މި ނުރައްކާތެރި ފިކުރުގެ ނުބައިކަމުން ސަލާމަތްކުރުމަށް މަސައްކަތްކޮށްގެންނެވެ.

رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ (آل عمران8)

“އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބައިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަﷲއީ ގިނަގުނައިން (ނިޢުމަތް) ދެއްވާ އިލާހެވެ.”

وصلى اللَّه وسلم وبارك على عبده ورسوله، وخيرته من خلقه؛ نبينا محمد، وعلى آله وأصحابه، ومن تبعهم بإحسان إلى يوم الدين.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.