އިންޑޮނީޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި މިއަދު ރޯވެ 22 މީހަކު މަރުވެއްޖެ އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ 7 ބުރީގެ އިމާރާތުގައި ރޯވީ އެ އިމާރާތުގެ ފުރަތަމަ ބުރީގައި ބެޓެރިއެއް ގޮވައިގެން ކަމަށެވެ. އޭރު އެ އިމާރާތުގެ އޮފީސްތަކުގައި މަސައްކަތްކުރާ މީހުން ތިބީ މެންދުރުގެ ލަންޗް ބްރޭކްގަ އެވެ.

އޮފީސް އިމާރާތުގެ ފުރަތަމަ ބުރިއަކީ ޑްރޯން އުފައްދާ ކުންފުންޏެއްގެ މަސައްކަތްތައް ކުރަމުން އައި ތަނެކެވެ. އެތަނުގައި ރޯވެ، މުޅި އިމާރާތަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
ރޯވި ހާދިސާގައި މަރުވި ގިނަ މީހުންނަކީ ބޯ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން މަރުވި މީހުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އޭގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި މަރުވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އޮފީސް އިމާރާތުގައި ރޯވުމާ ގުޅިގެން 100 އެއްހާ ފަޔާފައިޓަރުން އަލިފާން ނިއްވުމަށާއި އިމާރާތުގެ ތެރޭގައި ތިބި މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވެފައިވެ އެވެ.