Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

އިންތިހާބީ ދާއިރާތަކުގެ ވަގުތީ ލިސްޓް ނެރެފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ޢާންމުކޮށް، ޝަކުވާ އަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ/ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް/ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ޢާންމުކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ އެވެ.

މި ރިޕޯޓަށް ޝަކުވާ ހުށަހަޅާނީ މި މަހުގެ 15 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލިޔުމުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) އަށެވެ. ޝަކުވާ ހުށަހަޅާއިރު ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީއެއް ހުށަހަޅަންޖެހެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެ އެވެ.