ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީން އިންތިހާބު ކުރަންޖެހޭ 11 ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި އަންހެނުންނަށް ހާއްސަކޮށްފި އެވެ.
ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަކުރަންޖެހޭއިރު، އައްޑޫ ސިޓީން އަންހެނުންނަށް ހާއްސަކުރާ ގޮނޑިތަކުގެ ތެރެއިން ދެ ގޮނޑިއަކީ ހިތަދޫ އަށް ނިސްބަތްވާ ދެ ގޮނޑި އެވެ. އަނެއް ދެ ގޮނޑި ނިސްބަތްވަނީ މަރަދޫ އަދި ފޭދޫއަށެވެ.
އައްޑޫ ސިޓީން އަންހެނުންނަށް ހާއްސަކުރާ ގޮނޑިތައް:
– ހިތަދޫ މާމެންދޫ ދާއިރާ (S6)
– ހިތަދޫ ބޭރުމަތި ދާއިރާ (S3)
– މަރަދޫ ދާއިރާ (S7)
– ފޭދޫ މަގުއްދޫ ދާއިރާ (S9)
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ޢާންމުކޮށް، ޝަކުވާ އަށް ހުޅުވާލާފަ އެވެ.
މި ރިޕޯޓަށް ޝަކުވާ ހުށަހަޅާނީ މި މަހުގެ 15 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލިޔުމުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) އަށެވެ. ޝަކުވާ ހުށަހަޅާއިރު ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީއެއް ހުށަހަޅަންޖެހެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެ އެވެ.