Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ޤާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭ ކަމަށެވެ. އަދި، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުޢާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫޢެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓްގެ މައްޗަށް ރައީސްގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނާއި، "ހިންމި" ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތަޢާރަފްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުންވެސް ހިމެނޭކަން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ ޒިންމާދާރުކަމާއި، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމްޢިއްޔާތަކާއި، ޔޫ.އެން.ސީ.އޭ.ސީ.ގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޝުކުރު އަދާކުރެއްވިއެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެސެޖު ނިންމަވާލެއްވީ، ޤައުމަށް އަމާނާތްތެރިވުމާއި، އިޚްލާޞްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ޤައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ޤާއިމުކުރާ ޤައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކޮށްދެއްވަމުންނެވެ.