Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

11 ތަނެއް ފާސްކޮށް، ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން ރޭ މާލޭގެ 11 ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އަތުލައިގެންފި އެވެ.

ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ ނޮވެންބަރު މަހުގެ 27ވަނަ ދުވަހު އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގެ 11 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ ޢިލްތިމާސްކޮށްފަ އެވެ. އެގޮތުން (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯޓް ކުރުމަށް ވަނީ އެދިފަ އެވެ. މީގެ އިތުރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އިކޮނޮމިކް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3333199އަށް ރިޕޯޓް ކުރެވޭނެ އެވެ. އަދި މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ އެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.