އެންޓި-ކޮރަޕްޝަން އެކެޑެމީން ކުރިއަށް ގެންދަން ނިންމާފައިވާ ކޯސްތައް އަންނަ މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
.
އިއްޔެ ފާހަގަކުރި މި އަހަރުގެ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައިގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ގިނަ ކަމަށެވެ. އެގޮތުން ތަޙުޤީޤީ ދާއިރާއިން ތަމްރީންވެފައިވާ މީހުން މަދުވުމަކީ ދިމާވާ އެންމެ ބޮޑު އެއް ދަތިކަން ފާހަގަކުރައްވަމުން ޝާމިލް ވިދާޅުވީ މީހުން ތަމްރީން ކުރަން ރާއްޖޭގައި ގާއިމުކުރި އެންޓި-ކޮރަޕްޝަން އެކެޑެމީގެ ކިޔެވުން އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި އެކެޑެމީ ފެށުމަށްޓަކައި އެކަށީގެންވާ އަދަދަށް މުވައްޒަފުން އެބަ ތިބި ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ އެންޓި ކޮރަޕްޝަންގެ އިންވެސްޓިގޭޝަން ކޯހެއް ވުޖޫދުކުރުން ކަމަށް އޭނަ ވިދާޅުވި އެވެ.
"އެކެޑެމީގެ ކިޔެވުންތައް މި ކުރިއަށް ގެންދަނީ މެލޭޝިއާ އަދި ހޮންކޮންގް އެންޓި ކޮރަޕްޝަން އެކެޑެމީއާ ގުޅިގެން،" ޝާމިލު ވިދާޅުވި އެވެ. "ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް މިތަން ހެދޭނެ އެންމެން ގުޅިގެން މި މަސައްކަތް ކުރެވިއްޖެ ނަމަ."
ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ ޑިސެންބަރު 7، 2023 ގަ އެވެ.
މިއީ ރާއްޖޭގައި އެންޓި-ކޮރަޕްޝަން ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި އުފެއްދި މުއައްސަސާއެކެވެ.
އެންޓި ކޮރަޕްޝަން އެކެޑެމީގައި ފުރަތަމަ ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތަކެވެ. އަދި ކުރިއަށް އޮތް ތަނުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެންގޮސް މާސްޓާސް ލެވެލްއާ ހަމައަށް ކޯސްތައް ހިންގަން އަމާޒު ހިފާފައިވެ އެވެ.