Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

މަސްވެރިކަން ޒަމާނީކޮށް، އާމްދަނީ އިތުރުކޮށް ދޭނެ

ރައީސް މުއިއްޒު މަސްވެރިންތަކަކާ އެކު.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުވެ ސިނާއަތް ޒަމާނީކޮޮށް މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރޒަން ފުރުސަތުތައް ފަހިކޮށް ދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

"އަދި ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން،" ރައީސް ވިދާޅުވި އެވެ. "މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށް ދިނުން."

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާއި ދިވެހީން ވަނީ ލާމެހިފައި ކަމަށެވެ. އެ ދުވަހުއްސުރެ މިއަދާ ހަމައަށް ވެސް ދިވެހީންގެ މައިގަނޑު ކާނާ އަކީ ކަނޑުރޯދ ކަމަށާއި ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ ވެސް މަސްވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މި ދަންނަވަނީ، މާތްﷲ ގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމުން." ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ. އެގޮތުން އެ އަތޮޅުގައި ގިނަ ހަރަކާތްތަކެއް ހިންގަން ރާފައިވެ އެވެ. މީގެ ތެރޭގައި މި އަހަރު ވެސް "މަސްވެރިންގެ ގުންޒަރު" އޮންނާނެ އެވެ.