އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އައްޑޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް "އައްޑޫލައިވް"އަށް ވިދާޅުވީ އެކުންފުނިން އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އައްޑޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އައްޑޫގައި ފަތުރުވެރިކަން ކުރިއަރައިގެން ދިއުން އެކަމަށް ވެދެވެން އޮތް ހުރިއާ އެހިއެއް މޯލްޑިވަންއިން ވެދޭނެ. ޝަންގްރިއްލާ އަދި ހެރެތެރެއަށް ފަތުރުވެރިން ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް މިދަނީ ކުރަމުން. އައްޑޫއަށް 5 ފްލައިޓް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ފަތުރުވެރިންނަށް ފްލެކްސިބިލިޓީ ދިނުން. އަދި އައްޑޫއަށް ދަތުރު ކުރައްވާ ފަރާތްތަކަށް މި ފްލެކްސިބިލިޓީ ދިނުން"

ހާރިސް ވިދާޅުވީ އައްޑޫއަށް ކޮންމެ ދުވަހަކު ބާއްވާ ފްލައިޓްތަކުން 999 ފެއާގެ 8 ނުވަތަ 10 ޖާގަ ކޮންމެ ފްލައިޓަކުންވެސް ދޭ ކަމަށެވެ. އަދި އެ ފެއާގައި ގިނަ ބަޔަކު ދަތުރުކުރައްވާ ކަމަށް ހާރިސް ވިދާޅުވިއެވެ.
"އަޅުގަނޑުމންގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތަކަށް ދަތުރުފަތުރުގެ ހިދްމަތް ފޯރުކޮށްދިނުން. އެގޮތުން އަގުހެޔޮ ފެއާގައިވެސް ގިނަ ޓިކެޓް ކޮންމެ ދުވަހަކުވެސް އެބަ ވިއްކާ. އެކަމަކު މުޅި އެއާލައިންގެ ހުރިހާ ޓިކެޓް އަގުހެޔޮކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ހިދްމަތް ދެވެން ނޯންނާނެ"
ހާރިސް ވިދާޅުވީ އައްޑޫގައި ގެސްޓް ހައުސް ހިންގާ އަދި އެވިޔަފާރިއަށް ވަންނަވާ ބޭފުޅުން މޯލްޑިވިއަން އާއި އެކު މަޝްވަރާކޮށް ރަނގަޅު ރޭޓްތަކުގައި ވިޔަފާރި ހިންގުމަށް އެހީތެރިކަންދޭނެކަމަށެވެ.
"އައްޑޫގެ ތަރައްޤީއަށް ވަރަށް މުހިއްމު ބައެއް ފަތުރުވެރިކަން ކުރިއަރައިގެން ދިއުމަކީ. މިހާރު މި އޮތް ދެ ރިސޯޓްގެ އިތުރުން އިސްމެހެލާ ހެރަ ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ މި ސަރަހައްދުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމެއް. މީގެ އިތުރުން ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ގެސްޓް ހައުސްތައްވެސް އިތުރުކުރަން ޖެހޭ. އެކަމަށް މިތިބީ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭން"
އައްޑޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ފަތުރުވެރިން އަތުން ޓިކެޓަށް ނަގާ އަގު ބޮޑުކަމުގެ ޝަކުވާ އަބަދުވެސް ދަނީ ކުރަމުންނެވެ. ވިޔަފާރިވެރިން ބުނަމުން ދަނީ ގެސްޓް ހައުސް ނުހިންގެނީ މޯލްޑިވިއަން އިން ބޭރު މީހުން އަތުން ޓިކެޓަށް ނަގާ އަގު ބޮޑުވެގެން ކަމަށެވެ.