Last Updated: June 6, 22:05
Saturday, June 6, 2026
މުނިފޫހިފިލުވުން

ސަލްމާން ޓައުންޝިޕެއް ތަރައްގީ ކުރަނީ

ޓެލަންގާނާގެ ޗީފް މިނިސްޓަރު ރިވަންތު ރެޑީއާ އެކު ސަލްމާން.

އިންޑިއާގެ ޓެލަންގާނާ ސްޓޭޓްގައި ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށް ޒަމާނީ ޓައުންޝިޕެއް ތަރައްގީ ކުރަން މަޝްހޫރު ފިލްމީ ތަރި، ސަލްމާން ޚާން ނިންމައިފި އެވެ.

މިކަމަށްޓަކައި ޓެލަންގާނާގެ ސަރުކާރާއި ސަލްމާންގެ ކުންފުނި، ސަލްމާން ޚާން ވެންޗާސް ޕްރައިވެޓް ލިމިޓެޑް (އެސްކޭވީ) އާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޓެލަންގާނާގެ 500 އޭކަރުގެ ސަރަހައްދެއްގައި ޒަމާނީ ސްމާޓް ސިޓީ އަށް ތަރައްގީ ކުރާނެ އެވެ.

މި މަޝްރޫއަށް ސަލްމާންގެ ކުންފުނިން 10،000 ކްރޯޑް ރުޕީސް (1113 މިލިއަން ޑޮލަރު) އިިންވެސްޓް ކުރަން ހަމަޖެހިފައިވެ އެވެ.

ޓެލަންގާނާގައި ތަރައްގީ ކުރަން ނިންމާފައިވާ ޓައުންޝިޕަކީ ބޯހިޔާވަހިކަމާއި ވިޔަފާރި އާއި އެންޓަޓައިންމަންޓާއި ކުޅިވަރާއި އެ ނޫން ވެސް އެތައް ދާއިރާތަކުން އެންމެ ޒަމާނީ ވަސީލަތްތައް އެކުލެވޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ ތަނެކެވެ. އަދި މި އެންމެ ފަހުގެ ޓެކްލޮޖީއާ އެކު ޑިޖިޓަލް ހަބަކަށް ވެސް ވާނެ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

އެސްކޭވީން ބުނީ މި މަޝްރޫއުގެ ސަބަބުން ޓެލަންގާނާ އަށް އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އައިސް އެތައް ބަޔަކަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމަށެވެ.